"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެ މުބާރާތުގެ ކުއާޓާފައިނަލަށް ފްރެންޑްސް ކްލަބު އަދި ޒެލޯން ދަތުރުކޮށްފިއެވެ.

މިމެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާ އަކުންނެވެ.

ޒެލޯން އާއި ފްރެންޑްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ޒެލޯން ބަލިކޮށް ފްރެންޑްސް ކްލަބު ކުއާޓާ އަށް ދަތުރު ކުރި އިރު ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ހަމަ ހަމަ ކުޅުމެއް ފެނިގެން ގޮސްފައެވެ. ފްރެންޑްސް ކްލަބު އިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެޓީމުގެ ޖާޒީ ނަމްބަރު 3 ހުސެއިން ލަތީފް އެވެ. އޭނާގެ ލަނޑަށް ފަހު ޒެލޯން އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތައް ވަނީ ބޭކާރު ވެގެން ގޮސްފައެވެ.

ޒެލޯން އަށް ގިނަ ހުސް ފުރުސަތު ލިބިފައި ވީ އިރު އެޓީމަށް ވަނީ ފްރެންޑްސް ކްލަބުގެ ގޯލު ކައިރިން ފްރީކިކު ތަކެއް ވެސް ލިބިފައެވެ. މި ފްރީކިކުތައް ވެސް ގޯލުގެ ތެރެ އަށް ފޮނުވާ ނުލެވި ފްރެންޑްސް އިން ވަނީ އިތުރު ފުރުސަތު ތަކެއް އެޓީމަށް ތަނަވަސް ކޮށްފައެވެ. ފްރެންޑްސް ކްލަބުގެ ކުޅުންތެރިންނަށް ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތުތައް ލިބިފައި ވާއިރު އެ ފުރުސަތުތައް ވަނީ ބޭކާރު ވެގެން ގޮސްފައެވެ.

ޒެލޯން އާއި ފްރެންޑްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ދެވަނަ ހާފު ފެށުނު އިރު 0-1 ގެ ނަތީޖާ އަކުން ފްރެންޑްސް ލީޑުގައި އޮތް އިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެން އައީ ހަމަ ހަމަ ކުޅުމެކެވެ. ދެވަނަ ހާފު ފެށިގެން އައި އިރު ޒެލޯން އަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެން ގޮސްފައި ވާއިރު ފްރެންޑްސް ކްލަބް އިން ވެސް އައީ ކައުންޓާ އެޓޭކުގައި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. ޒެލޯން އަށް މިހާފުގައި ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތު ތަކެއް ލިބިގެން އައި ނަމަވެސް އެ ފުރުސަތު ތައް ވަނީ ބޭކާރު ވެފައެވެ.

ޒެލޯން އިން ފްރެންޑްސް ކްލަބު ހިފަހައްޓަން ޖެހި ލަނޑު އެޓީމުން ޖަހާފައި ވަނީ މެޗު ނިމެން އިރު ކޮޅަކަށް ވެފައި ވަނިކޮށެވެ، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްފައި ވަނީ ހަސަން އަތޫފްއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވެސް އަތޫފް އެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ފަސް ޕޮއިންޓާއި އެކު މިގުރޫޕްގެ އެއްވަނަ ފްރެންޑްސް ކްލަބަށް ލިބިފައި ވާއިރު ދެވަނަ ހޯދާފައި ވަނީ 4 ޕޮއިންޓާއި އެކު ޒެލޯން އެވެ. ވީމާ މި ގުރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.