"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ތިންވަނަ މެޗު މައިލޯ ސިޓީ އެފްސީން ކާމިޔާބުކޮށްފިއެވެ.

މި މެޗު މައިލޯ އިން ކާމިޔާބުކޮށްފައިވަނީ ރޭޒާ ފައިވްއާ ބައްދަލުކޮށް 0-3 އިންނެވެ.

މައިލޯ އާއި ރޭޒާ ފައިވް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މޮޅާއެކު މައިލޯ އިން މުބާރާތް ނިންމާލީ ހަތަރު ޕޮއިންޓާއެކު ގްރޫޕް ޑީގެ ތިންވަނަ އާއެކުއެވެ. ރޭޒާ ފައިވް މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. މި ގްރޫޕުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ރީތި އައްޑޫ އާއި މޯލްޑިވިއަންއެވެ.

މި މެޗަށް ނިކުތްއިރު ވެސް މުބާރާތުން ކަޓާފައިވާ މި ދެ ޓީމު ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ދެ ޓީމުން ވެސް ވަނީ ގޯލްޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މައިލޯ އާއި ރޭޒާ ފައިވް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޮތުން މައިލޯ އިން ފޮނުވާލި ހަމަލާތައް ރޭޒާ ފައިވްގެ ކީޕަރު ދިފާއުކޮށްފައިވާއިރު ރޭޒާ ފައިވްގެ ކުޅުންތެރިއަކަށް މި ހާފުގައި ވަނީ ގޯލްޖަހާނެ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މައިލޯގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ރޭޒާ ފައިވްގެ ކުޅުންތެރިޔާ ފޮނުވާލި ހަމަލާ މައިލޯގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މައިލޯ އިން ވަނީ ލީޑު ނަގާދީފައެވެ. މި ގޯލު މައިލޯ އަށް ކާމިޔާބުކޮށްދިނީ ރާއިދްއެވެ. މި ގޯޅަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މައިލޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލްފާފްއެވެ.

މައިލޯ އާއި ރޭޒާ ފައިވް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ގޯޅު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ނަތީޖާގެ ފަރަގު ކުޑަކޮށްލަން ރޭޒާ ފައިވް އަށް ހުސް ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް މައިލޯގެ ގޯޅު ކުރިމަތީ މުޅިން ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ރޭޒާ ފައިވްގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ. މި ފުރުސަތުގެ ބޭނުން ނުހިފުނުއިރު ފަހުވަގުތުކޮޅުތެރޭ މުހައްމަދު ފައުޒަން ވަނީ މައިލޯގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މޮޅަކާއެކު މައިލޯ އިން މުބާރާތް ނިންމާލިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައިލޯގެ އަލްފާފްއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.