ބަޔާން މިއުނިކަށް ކުޅެމުން އައި ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ބާސެލޯނާ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ ވިޑާލް ބާސާ އަށް ބަދަލުވީ 27 މިލިއަން ޕައުންޑުގެ އަގަކަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ވިޑާލް ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

ވިޑާލް ގެންނަން ބާސާ އިން މަސައްކަތް ފެށީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

"ބަޔާން މިއުނިކްގައި އަހަރެން ހޭދަކުރީ ވަރަށް އުފާވެރި ދުވަސްތަކެއް. އެކަމަށްޓަކާ އެ ކްލަބަށާއި އެ ކްލަބުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ބާސެލޯނާގައި އާ ޗެލެންޖެއް ތަޖުރިބާރުކޮށްލަން އަހަންނަށް ފުރުސަތު ދިން ކަމަށްޓަކާ ވެސް ބަޔާން އަށް ޝުކުރު އަދާކުރަން" ބަޔާން ދޫކޮށްލުމަށްފަހު ވިޑާލް ބުންޏެވެ.

ބަޔާންގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގޭ ވަނީ ބަޔާންގައި ހޭދަކުރި ތިން އަހަރުތެރޭ ކޮށްދިން ކަންތައްތަކަށް ވިޑާލް އަށް ޝުކުރު އަދާކޮށްފައެވެ. އެ ތިން އަހަރުތެރޭ ބަޔާން އިން ހޯދި ކާމިޔާބީތަކުގައި ވިޑާލްގެ ހިއްސާ ބޮޑު ކަމަށާއި އަދި މުހިއްމު މެޗުތަކުގައި ވިޑާލްގެ މުހިއްމުކަން ވެސް ރުމެނިގޭ ފާހަގަކުރިއެވެ.

ވިޑާލް ބާސާ އަށް ބަދަލުވެފައިވާއިރު އޭނާ ގެނައުމަށް އިންޓަ މިލާނުން ވެސް ޝައުގުވެރިވިއެވެ. ނަމަވެސް ވިޑާލް ގެނައުމުގެ މަސައްކަތް އިންޓަ އިން މަޑުޖައްސާލީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގެންނަން މަސައްކަތް ކުރަމުންދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަޔާންގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ވިޑާލް ވަނީ އެ ކްލަބަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީ ޖަރުމަނު ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ވިޑާލް ވެގެންގޮސްފައިވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބާސާ އަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ބާސާ އަށް ވަނީ ބްރެޒިލްގެ މިޑްފީލްޑަރު އާތާ މެލޯ އާއި ސެވިއްޔާ އަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓްގެ އިތުރުން ބޯޑޯ އަށް ކުޅެމުން އައި ބްރެޒިލްގެ ވިންގާ މެލްކޮމް ގެނެސްފައެވެ.