މިއަހަރުގެ ޖަރުމަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އަށް ލިބިއްޖެއެވެ.

ޖަރުމަނުގެ ކުޅިވަރު ނޫސްވެރިންގެ އެސޯސިއޭޝަނުން ހޮވި މި މަގާމު ކްރޫސް އަށް ލިބުނީ ވޯޓުގައި ބައިވެރިވި 475 މީހުންގެ ތެރެއިން 185 ވޯޓާ އެކުއެވެ. މި މަގާމަށް ކްރޫސްއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ފްރެއިބާގް އަށް ކުޅެމުން އަންނަ ނިލްސް ޕެޓަސަންއެވެ. އޭނާ އަށް ލިބުނީ 39 ވޯޓެވެ.

މިއީ ކްރޫސް އަށް މި މަގާމު ލިބުނު ފުރަތަމަ ފަހަރު ކަމަށްވާއިރު އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި މަގާމު ފާއިތުވި އަހަރު ހޯދާފައިވަނީ ބަޔާން މިއުނިކަށް ކުރިން ކުޅުނު ފިލިޕް ލާމްއެވެ.

"މިއީ ހޯދަން އެހާ ފަސޭހަ މަގާމެއް ނޫން. އަދި މިއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ މަގާމެއް ވެސް ނޫން" ކްރޫސް ބުންޏެވެ.

ރަޝިޔާގައި މިދިޔަ މަހު ނިމިގެންދިޔަ ވޯލްޑް ކަޕްގައި ޖަރުމަނުގެ ގައުމީ ޓީމަށް ރަނގަޅު ނަތީޖާ އެއް ނުނެރެވުނު ނަމަވެސް ކްރޫސް ވަނީ މިދިޔަ ސީޒަނުގައި ރެއާލް އަށް ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަރ ކަޕާއި ސްޕެނިޝް ސުޕަރ ކަޕްގެ އިތުރުން ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މޮޅު ކުޅުންތެރިއާގެ މަގާމު ކްރޫސް އަށް ލިބުނުއިރު މިއަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަޔާން މިއުނިކަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ޔުޕް ހެންކެސްއެވެ. މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ބަޔާންއާ ހެންކެސް ހަވާލުވިއިރު އޭނާ ވަނީ އެ ކްލަބަށް ޖަރުމަނު ލީގު ހޯދާދީފައެވެ.