"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ބޭރުމަތި އެފްސީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު ބޭރުމަތިން ކާމިޔާބުކުރީ ވިނިން ފައިވްއާ ބައްދަލުކޮށް 0-8 އިންނެވެ.

ބޭރުމަތި އަދި ވިނިން ފައިވް ބައްދަލު ކުރި މެޗުގެ ތެރެއިން: ވަގުތު އިމޭޖެސް އަމީން ފަހުމީ

އެފްސީ ބޭރުމަތި އަދި ވިނިން ފައިވް ބައްދަލު ކުރި ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅުނު އިރު މި މެޗުގައި ރަނގަޅަށް ކުޅެފައިވަނީ ބޭރުމަތި ޓީމުންނެވެ. ފުރަތަމަ ހާފުގައި ބޭރުމަތި އިން 3 ލަނޑު ޖަހާފައި ވާއިރު މެޗު ފެށިގެން ގިނަ އިރު ތަކެއް ނުވެ ބޭރުމަތިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ހާފިޒްއެވެ.

ވިނިން ފައިވް އަށް ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފައި ވާއިރު އެޓީމުގެ ކުޅުންތެރިޔާ ވިއާމް ފޮނުވާލި މި ހަމަލާ ފޮނުވާލީ ބޭރަށެވެ. ބޭރުމަތި ޓީމުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރު 11 އަހްމަދު ނާޝިދު އެވެ، ނާޝިދުގެ ލަނޑަށް ފަހު އަނެއްކާވެސް ބޭރުމަތި ޓީމުގެ އަލީ ހާފިޒް ވަނީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާ ކޮށްފައެވެ.

ބޭރުމަތި އަދި ވިނިން ފައިވް ބައްދަލު ކުރި މެޗުގެ ތެރެއިން: ވަގުތު އިމޭޖެސް އަމީން ފަހުމީ

ދެވަނަ ހާފު ފެށުނު އިރު 0-3 ގެ ނަތީޖާ އަކުން ބޭރުމަތި ލީޑުގައި އޮތް އިރު ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެފައި ވަނީ ބޭރުމަތި ޓީމުންނެވެ. ދެވަނަ ހާފު ފެށިގެން ބޭރުމަތިން ވަނީ ކުޑަ އިރު ކޮޅެއްގެ ތެރޭގައި 2 ލަނޑު ކާމިޔާބު ކޮށްފައެވެ. ދެވަނަ ހާފުގެ ފުރަތަމަ ލަނޑު އަލީ ހާފިޒް ކާމިޔާބު ކޮށް އޭނާ ވަނީ މިމެޗުގައި އޭނާގެ ހެޓް ޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި ބޭރުމަތި އަށް ލިބިފައިވާ ލީޑު އިތުރަށް ފުޅާކޮށްދިނީ ޖާޒީ ނަމްބަރު 12 އަލީ ފަހުމީއެވެ.

މީގެ އިތުރަށް ބޭރުމަތި ޓީމުން ވަނީ ދެވަނަ ހާފުގައި 3 ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ އަމީން އިބްރާހިމް އާއި އަހްމަދު ނާޝިދް އަދި ހަސަން މިފްރާހް އެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު ނިމިގެން ދިޔައިރު މިރޭ ކުއާޓާ ފައިނަލްގެ ބާކީ 3 މެޗު ކުޅޭނެއެވެ. މި މެޗު ތަކުގައި ބައްދަލު ކުރާނީ ހޯދަނޑު އަދި އުސްގަނޑަ، ފްރެންޑްސް ކްލަބު އާއި ރީތި އައްޑޫ އަދި ޒެލޯން އާއި މޯލްޑިވިއަން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ: ވަގުތު އިމޭޖަސް އަމީން ފަހުމީ

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެފްސީ ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރު 9 އަލީ ހާފިޒްއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.