"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކޮށް އުސްގަނޑަ އެފްސީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ އަށް އުސްގަނޑަ އެފްސީ ދަތުރުކުރީ ހޯދަނޑު އެފްސީގެ މައްޗަށް 2-4 އިން ކުރި ހޯދައިގެންނެވެ.

ހޯދަނޑާއި އުސްގަނޑު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އުސްގަނޑުންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާންއެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ލިރުއާމްއެވެ.

މި ގޯލަށްފަހު އުސްގަނޑުން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އަޔާޒް އަހުމަދު ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ ހޯދަނޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ހޯދަނޑާއި އުސްގަނޑު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އުސްގަނޑަ އެފްސީ ލީޑުގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ހޯދަނޑުގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެޓީމުން ފޮނުވާލި ދެ ހަމަލާ ވެސް ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް އަހުމަދު މުއާޒް އާއި ލިރުއާމްގެ ގޯލުތަކުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ހޯދަނޑުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ސިނާހު ކަމަށްވާއިރު މި ގޯލަށްފަހު އެޓީމުން ދިޔައީ އުސްގަނޑުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހޯދަނޑުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އުސްގަނޑުގެ ކީޕަރުގެ ހުޝީޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އުސްގަނޑު އެފްސީގެ އަލީ ލިރުއާމްއެވެ.

މި މެޗުން އުސްގަނޑު މޮޅުވިއިރު ސެމީގައި އެޓީމު ބައްދަލުކުރާނީ ބޭރުމަތި އެފްސީއާއެވެ. މި މެޗު އޮންނާނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.