"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗު ކާމިޔާބުކޮށް ރީތި އައްޑޫ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ފޯރިގަދަ މި މެޗު ރީތި އައްޑޫ އިން ކާމިޔާބު ކޮށްފައި ވަނީ ފަހަތުން އަރައި 3-5 ގެ ނަތީޖާ އަކުން ފްރެންޑްސް ކްލަބު ބަލި ކުރުމަށް ފަހުގައެވެ.

ރީތި އައްޑޫ އަދި ފްރެންޑްސް ބައްދަލު ކުރި މެޗުގެ ތެރެއިން: ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

ފްރެންޑްސް ކްލަބު އަދި ރީތި އައްޑޫ ބައްދަލު ކުރި މި މެޗުގެ ފުރަތަމަ ހާފު ފެށިގެން އައި އިރު ދެ ޓީމުން ވެސް ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ދެ ޓީމުގެ ފަރާތުން ވެސް ލަނޑު ޖަހާނެ ފުރުސަތު ތައް ވަނީ ތަނަވަސް ކޮށްފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފްރެންޑްސް ކްލަބުގެ އަބްދުﷲ ރިޒްމީހް އެވެ. މި ލަނޑާއި އެކު ފްރެންޑްސް އަށް ލީޑު ލިބިފައި ވީނަމަވެސް އިރު ކޮޅެއް ފަހުން ރީތި އައްޑޫގެ އާދަމް ލަރީފް (ރޮނާ) ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ރޮނާގެ ލަނޑަށް ފަހު ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. މި ފުރުސަތު ތައް ބޭކާރު ވެގެން ދިޔައިރު ރީތި އައްޑޫ އަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. ފުރަތަމަ ހާފްގެ ފަހު ކޮޅުގައި ރީތި އައްޑޫ އިން އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރަމުން އައި އިރު ފްރެންޑްސް ކްލަބުގެ ގޯލަށް އައީ ނުރައްކާ ވަމުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރި ވެފައި ވަނިކޮށް ފްރެންޑްސް ކްލަބުގެ އަހްމަދު ޒާހިރް ވަނީ ލަނޑެއް ކާމިޔާބު ކޮށް ފްރެންޑްސް އަށް ކުރި ހޯދައިދީފައެވެ.

ރީތި އައްޑޫ އަދި ފްރެންޑްސް ބައްދަލު ކުރި މެޗުގެ ތެރެއިން: ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

ދެވަނަ ހާފު ފެށުނު އިރު 2-1 ގެ ނަތީޖާ އަކުން ފްރެންޑްސް ކުރީގައި އޮތް އިރު ހާފު ފެށިގެން އައީ ރީތި އައްޑޫ އިން ފްރެންޑްސް ކޮޅަށް ފޮނުވާލި ހަމަލާ ތަކަކަކުންނެވެ. ރީތި އައްޑޫ އިން ފްރެންޑްސް ކޮޅަށް ގިނަ ހަމަލާތަކެއް ހަދަމުން އައި އިރު އެޓީމުގެ އާދަމް ލަރީފް ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ރީތި އައްޑޫ އަށް ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ. ރޮނާގެ ލަނޑަށް ފަހު ފްރެންޑްސް އިން ވަނީ ލީޑު ނަގާފައެވެ. އެޓީމުގެ ހުސެއިން ލަތީފް ޖެހި ލަނޑާއި އެކު ރީތި އައްޑޫ އިން އަނެއްކާވެސް މަސައްކަތް ކުރީ ނަތީޖާ ހަމަ ހަމަ ކުރެވޭތޯއެވެ.

ދެވަނަ ހާފު ފޯރިގަދަ ކަމާއި އެކު ކުރިޔަށް ދިޔަ އިރު ރީތި އައްޑޫގެ އާދަމް ލަރީފް ވަނީ ނަތީޖާ ހަމަ ހަމަ ކޮށް މިމެޗުގައި އޭނާގެ ހެޓް ޓްރިކް ފުރިހަމަ ކޮށްފައެވެ،

ރީތި އައްޑޫ އަދި ފްރެންޑްސް ބައްދަލު ކުރި މެޗުގެ ތެރެއިން: ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

ފްރެންޑްސް ކްލަބުގެ ކީޕަރު އިބްރާހިމް ފާއިޒް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލް އަކާއި ގުޅިގެން އޭނާ އަށް ވަނީ ރަތް ކާޑެއް ދެއްކުމަށް ފަހު ދަނޑުން ފޮނުވާލާފައެވެ. އެހެން ކަމުން ރީތި އައްޑޫ އަށް ލިބުނު ޕެނަލްޓީ ވެސް ރޮނާ ވަނީ ކާމިޔާބު ކޮށްދީފައެވެ. ފްރެންޑްސް ކްލަބުގެ އިތުރު ކީޕަރެއް ނެތުމުގެ ސަބަބުން އެޓީމުގެ ޖާޒީ ނަމްބަރު 22 އަބްދުﷲ ރިޒްމީހް ވަނީ ގޯލަށް އަރާފައެވެ.

އޭނާ ގޯލަށް އެރުމަށް ފަހު އަނެއްކާވެސް ރީތި އައްޑޫ އަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. މި ޕެނަލްޓީ ރިޒްމީހް ވަނީ ދިފާއު ކޮށްފައެވެ. ނަމަވެސް އޭނާ ދިފާއު ކުރުމުގެ ތެރޭގައި ކޯނަރަކަށް ބޭރުވެ ރީތި އައްޑޫގެ އާދަމް ލަރީފް ވަނީ މި ކޯނަރުން އޭނާގެ 5 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

ރީތި އައްޑޫ އަދި ފްރެންޑްސް ބައްދަލު ކުރި މެޗުގެ ތެރެއިން: ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެފްސީ ރީތި އައްޑޫ އަށް 5 ލަނޑު ކާމިޔާބު ކޮށްދިން އާދަމް ލަރީފް (ރޮނާ) އެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު