"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ހަތަރުވަނަ މެޗު ކާމިޔާބުކޮށް މޯލްޑިވިއަން މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މޯލްޑިވިއަން ސެމީ އަށް ދަތުރުކުރީ ޒެލޯންއާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ.

މޯލްޑިވިއަން އާއި ޒެލޯން ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޯލްޑިވިއަން އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު އިމްރާން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ތިން ފުރުސަތެއް މޯލްޑިވިއަން އަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ފޮނުވާލި ހަމަލާތައް ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މި ހާފުގައި ޒެލޯން އަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައި ނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޒެލޯން އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯޅު ޒެލޯން އަށް ކާމިޔާބުކޮށްދިނީ އަހުމަދު ވާފިރު އެވެ. އަދި އޭގެ އިރުކޮޅެއްފަހުން ޒެލޯން އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެޓީމު ކުޅުންތެރިއަކު ފޮނުވާލި ހަމަލާ މޯލްޑިވިއަންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މޯލްޑިވިއަން އާއި ޒެލޯން ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ފުރުސަތުގެ ބޭނުން ޒެލޯން އަށް ނުހިފުނުއިރު މުހައްމަދު އިމްރާން މޯލްޑިވިއަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް މޯލްޑިވިއަންގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ޒެލޯން އިން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން މޯލްޑިވިއަންގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި މޯލްޑިވިއަން އިން ކާމިޔާބުކުރި ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ ފަހުވަގުތުކޮޅުތެރޭ މުހައްމަދު ރިއްފަތުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ މުހައްމަދު އިމްރާންއެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ސެމީ އަށް މޯލްޑިވިއަން ދަތުރުކުރިއިރު، ސެމީގައި އެޓީމު ބައްދަލުކުރާނީ ރީތި އައްޑޫއާއެވެ. މި ދެ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް މީގެކުރިން ބައްދަލުކޮށްފައެވެ. އެ މެޗު 2-5 އިން ކާމިޔާބުކުރީ މޯލްޑިވިއަން އިންނެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.