ސްޕެއިންގެ ރެއާލް މެޑްރިޑުން ދެން އަންނަ ޓްރާންސްފާރ ވިންޑޯވއެއްގައި ގެނައުމަށް އެންމެ ގަދަޔަށް މަސައްކަތްކުރާނީ މެންޗެސްޓާރ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރެއާލްއިން މީގެ ކުރިންވެސް ގެންނަން މަސައްކަތްކޮށްފައިވާ ޑެ ހެއާ ގެނައުމުގެ އުންމީދުތައް އަދިވެސް ރެއާލްއިން ދޫކޮށްލާފައިނުވާއިރު ޑެ ހެއާ ހުރީ ރެއާލްއަށް ބަދަލުވާން ފުރުސަތު ލިބިއްޖެ ނަމަ ބަދަލުވާން ތައްޔާރަށްކަމަށް ވެސް މި ރިޕޯޓްތައް ބުނެއެވެ.

މެންޗެސްޓާރ ޔުނައިޓެޑުން ޑެ ހެއާ ދޫކޮށްލަން ބޭނުން ނުވި ނަމަވެސް އެކުލަބުން ވެސް އޮތީ ޑެ ހެއާ މިފަދަ ޓްރާންސްފާއަކަށް އެއްބަސްވެއްޖެ ހިނދެއްގައި އެކަން ވިޔަދިނުމަށް ތައްޔާރަށްކަމަށް ވެއެވެ. އެހެންނަމަވެސް ރެއާލްއިން ޑެ ހެއާ ގެންގޮސްފި ހިނދެއްގައި މެންޗެސްޓާރ ޔުނައިޓެޑުގެ ގޯލްކީޕަރުގެ މަގާމަށް ދެން ގެންނާނޭ ވަކި ކުޅުންތެރިޔަކު އަދި ވަނީ ނުނިންމިފައެވެ. މެންޗެސްޓާރ ޔުނައިޓެޑުން މީގެ ކުރިން ވަނީ އޭސީ މިލާންގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް މިލާނުން އޮތީ އެޓީމުގެ ކުރިމަގަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާކަމުގައި ބެލެވިފައިވާ ޑޮނަރޫމާ ދޫކޮށްލަން ތައްޔާރަކަށް ނޫނެވެ.

ރެއާލްއަށް ޑެ ހެއާ ނުލިބިއްޖެ ހާލަތެއްގައިވެސް އެކުލަބުން ވަނީ އެހެން ކުޅުންތެރިޔަކު ގެނައުމަށް ކަނޑައަޅައި ނިންމައިފައެވެ.

މިގޮތުން ޑެ ހެއާ ނުލިބިއްޖެ ނަމަ ދެން ރެއާލްއިން މަސައްކަތްކުރާނީ ޗެލްސީގެ ތިބޯ ކޯޓުއާ ގެނައުމަށެވެ. ރެއާލްއިން އެ ޓީމުގެ ގޯލްކީޕަރުގެ މަގާމު ވަރުގަދަ ކުރުމަށްޓަކައި މަސައްކަތްކުރަމުންދާތާ އެތައް ސީޒަނެއް ފާއިތުވެފައިވާއިރު އެޓީމަށް އަދިވެސް ވަނީ މިކަން ކުރެވޭ ގޮތް ނުވެފައެވެ. ރެއާލްގެ މިހާރުގެ ކޯޗު ޒިދާން ބޭނުންވަނީ ފައިން ކުޅެން ފަރިތަ ޒުވާން ގޯލްކީޕަރެއްކަމުގައި ބެލެވިފައިވާއިރު ޑެ ހެއާ އަދި ކޯޓުއާ އަކި މިގޮތުން ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ގޯލްކީޕަރުންގެ ތެރެއިން ހިމެނޭ ދެ ކުޅުންތެރިންނެވެ.