"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާޜާތުގެ ފައިނަލަށް އެފްސީ ބޭރުމަތި ދަތުރުކޮށްފިއެވެ.

މި މެޗު ބޭރުމަތިން ކާމިޔާބުކޮށްފައިވަނީ އެފްސީ އުސްގަނޑަ އާއި ބައްދަލުކޮށް 0-1 އިންނެވެ.

ބޭރުމަތި އާއި އުސްގަނޑަ ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް ވެސް ދެ ޓީމުންކުރެ ޓީމަކަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހުކޮޅު އަލީ ހާފިޒް (އައްޔަ) ވަނީ ބޭރުމަތި ޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އުސްގަނޑުގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ބޭރުމަތި ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ގޯލްޖަހާނެ ރަނގަޅު ތިން ފުރުސަތެއް ބޭރުމަތި ޓީމަށް ވަނީ މި ހާފުގައި ލިބިގެން ގޮސްފައެވެ. އެ ހަމަލާތަކުގެ ތެރެއިން ދެ ހަމަލާއެއް އުސްގަނޑުގެ ކީޕަރު ދިފާއުކުރިއިރު އަނެއް ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ބޭރުމަތި އާއި އުސްގަނޑަ ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މި ހާފުގައި އުސްގަނޑުން ވެސް ބޭރުމަތި ޓީމުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައިވާއިރު މެޗުގެ ފަހު މިނެޓްގައި އެޓީމުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ބޭރުމަތި ޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން ބޭރުމަތި މޮޅުވިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޭރުމަތި ޓީމުގެ އަލީ ހާފިޒްއެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ބޭރުމަތި އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު މުބާރާތުގެ ފައިނަލްގައި އެޓީމު ބައްދަލުކުރާނީ މޯލްޑިވިއަން އާއި ރީތި އައްޑޫ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.