އެތްލެޓިކޯ ބިލްބާއޯ އަށް ކުޅެމުން އައި ސްޕެއިންގެ ޒުވާން ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ އާއި ރެއާލް މެޑްރިޑަށް ކުޅެމުން އައި ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ޗެލްސީ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ކެޕާ ޗެލްސީ އަށް ބަދަލުވީ 71 މިލިއަން ޕައުންޑުގެ އަގަކަށް ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީ އަށް ކެޕާ ގެނެސްފައިވަނީ އެ ކްލަބުގެ އެއް ނަމްބަރު ކީޕަރުގެ މަގާމުގައި ހުރި ތިބޯ ކޯޓުއާގެ ބަދަލުގައެވެ. ބެލްޖިއަމް އަށް އުފަން ކޯޓުއާ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ.

71 މިލިއަން ޕައުންޑަށް ކެޕާ ޗެލްސީ އަށް ބަދަލުވިއިރު އޭނާ މިހާރު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަކަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ މަގާމުގައި މީގެކުރިން ހުރީ ރޯމާ ދޫކޮށްލުމަށްފަހު ލިވަޕޫލް އަށް ދާދިފަހުން ބަދަލުވި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާއެވެ. އޭނާ ލިވަޕޫލް އަށް ބަދަލުވީ 66.9 މިލިއަން ޕައުންޑަށެވެ.

"މިއީ އަހަންނަށް ވެސް އަދި އަހަރެންގެ ކެރިއަރަށް ވެސް ވަރަށް މުހިއްމު ނިންމުމެއް. ޗެލްސީ އަށް އަހަރެން ބަދަލުވީ މި ކްލަބުގައި ޝައުގުވެރިވާ ވަރަށް ގިނަ ކަންތައްތަކެއް ހުރުމުން. ވަރަށް އުފާވެއްޖެ އަހަންނަށް އިތުބާރުކޮށް ޗެލްސީން އަހަރެން ގެނައުމުން" ކެޕާ ބުންޏެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ދެ ނަމްބަރު ކީޕަރުގެ މަގާމުގައި ހުރި ކެޕާ ގެންނަން މީގެކުރިން ރެއާލް މެޑްރިޑުން ވެސް މަސައްކަތް ކޮށްފައިވެއެވެ.

ކެޕާގެ އިތުރުން ރެއާލް އަށް ކުޅެމުން އައި ކޮވަސިޗް ވެސް ޗެލްސީ އަށް ބަދަލުވެފައިވާއިރު އޭނާ އެ ކްލަބަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ކޮވަސިޗް ރެއާލް ދޫކޮށް ޗެލްސީ އަށް ބަދަލުވީ ކުޅުމުގެ ފުރުސަތު ވީހާވެސް ގިނައިން ހޯދުމުގެ ބޭނުމުގައެވެ.

އުމުރުން 24 އަހަރުގެ ކޮވަސިޗް ރެއާލް އަށް ބަދަލުވީ މީގެ ތިން އަހަރު ކުރިން އިޓަލީގެ އިންޓަ މިލާނުންނެވެ.