މީޑިއާތަކުން އާޖެންޓީނާގެ ޤައުމީ ކޯޗުކަމަށް ނޮމިނޭޓްކުރާ ލިސްޓުގައި އޭނާގެ ނަން ނެތުމުން އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ ރުޅިއަތުވެއްޖެއެވެ.

މިދިޔަ މަހު ރަޝިއާގައި ބޭއްވުނު ވޯލްޑްކަޕްގައި އާޖެންޓީނާގެ ފަރާތުން ފެނުނު ދަށްކުޅުމަށް ފަހު މެރެޑޯނާ ބުނީ އާޖެންޓީނާއަށް ހިލޭ ކޯޗުކަން ކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ.

ގައުމީ ކޯޗުކަމަށް ނޮމިނޭޓްކުރާ ލިސްޓުގައި މެރެޑޯނާގެ ނަން ނެތުމުން އޭނާ ބުނީ ނަން ނުޖެހިޔަސް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.

"އަހަރެންގެ ނަން ނުޖެހިޔަސް އަހަރެންގެ ފަރުވާލެއްނެތް. އެކަމަކު އަހަރެން އަބަދުވެސް ހުންނާނީ އާޖެންޓީނާގެ ޚިދުމަތުގައި. ނޫސްވެރިން ގަސްތުގައި އަހަރެންގެ ނަން ނުޖަހަނީ. ވެދާނެ ބައެއް މީހުން އަހަރެން ދެކެ ހިތްހަމަ ނުޖެހެނީ ކަމަށް ވެސް ވެދާނެ. އާޖެންޓީނާގައި މިތިބެނީ މިކަހަލަ ނޫސްވެރިން،" މަރަޑޯނާ ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި އޭނާ ވަނީ އާޖެންޓީނާ ކުޅުނު ކޮންމެ މެޗެއްގައި ޓީމު ކުޅޭތަން ބަލަން ދަނޑަށް ގޮސްފައެވެ. މެޗު ބެލުމުގައި އޭނާގެ ބައެއް އަމަލުތަށް ހުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އަދި ނޫސްތަކުގެ ފަލަ ސުރުހީތަކުން ވެސް މަރަޑޯނާ ވަނީ ޖާހަގަ ހޯދައިފައެވެ. އޭގެ ތެރޭގައި އާޖެންޓީނާ މުބާރާތުން ކެޓުމުން ކޮލަމްބިއާއަށް ސަޕޯޓް ކުރަން ނިންމައި އެ ޤައުމުގެ ޖާޒީލުން ވެސް ހިމެނެއެވެ. ކޮލަމްބިއާގެ ޖާޒީ ލުން ގިނަ ބަޔަކު ސިފަކުރީ ބޮޑު ޖޯކެއްގެ ގޮތުގައެވެ. އަދި އެކަމަކީ މަރަޑޯނާގެ ގައުމީ ރޫހު ނެތްކަން ކަމުގައިވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މަރަޑޯނާ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ކޯޗުކޮށްދީފައެވެ. އޭނާއަށް ޓީމާއެކު ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.