"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި ބޭއްވި އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ފައިނަލް މެޗް އެފްސީ ރީތި އައްޑޫ ބަލިކޮށް ބޭރުމަތި ކާމިޔާބު ކުރުމާއި އެކު ޖެހިޖެހިގެން ދެވަނަ ފަހަރަށް އެޓީމަށް ޗެމްޕިއަންކަން ލިބިއްޖެއެވެ.

އެފްސީ ރީތި އައްޑޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަން ކަން ބޭރުމަތި އިން ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ.

މިރޭ ކުޅުނު ފައިނަލް މެޗުގެ ކުރިން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މަންދީރަ ބޮޑުބެރު ގުރޫޕުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. މިފަހަރު "ވަގުތު" އިން އިންތިޒާމު ކޮށްގެން ބޭއްވި މި މުބާރާތުގެ ލަވަ ވެސް ކިޔާފައި ވަނީ މަންދީރަ ބޮޑު ބެރު ގުރޫޕުންނެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ކުޅެމުން ދިޔަ އިރު ރީތި އައްޑުގެ ގޯލަށް ބޭރުމަތިން ވަނީ ގިނަ ހަމަލާ ތަކެއް ފޮނުވާލާފައެވެ. ނަމަވެސް މިއިން ގިނަ ހަމަލާތައް އެޓީމުގެ ކީޕަރު ދިފާއު ކުރި އިރު ބައެއް ހަމަލާތައް ޖެހިފައި ވަނީ ގޯލު ދަނޑީގައެވެ.

ފައިނަލް މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑު ބޭރުމަތިން ޖެހި އިރު މި ލަނޑު ބޭރުމަތި ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެޓީމުގެ ޖާޒީ ނަމްބަރު 4 އިބްރާހިމް ސިނާހު އެވެ. އަދި ސިނާހުގެ ލަނޑަށް ފަހު އެޓީމުގެ އަލީ ހާފިޒް ވަނީ ލަނޑެއް ކާމިޔާބު ކޮށް ބޭރުމަތި ޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ދިޔަ އިރު 0-2 ގެ ނަތީޖާ އަކުން ބޭރުމަތި ކުރީގައި އޮތް އިރު ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. މި ހާފުގައި ރީތި އައްޑޫ އިން ބައިކޮޅަށް އިތުރު ލަނޑެއް ނުވަދެ ހިފަހައްޓަން މަސައްކަތް ކޮށްގެން ކުޅުނު އިރު ދެވަނަ ހާފުގެ ގިނަ ވަގުތު ކުޅެފައި ވަނީ ރީތި އައްޑޫ ޓީމުންނެވެ. ނަމަވެސް އެޓީމަށް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް

މެޗު ނިމިގެން ދިޔައީ ފުރަތަމަ ހާފްގައި ކާމިޔާބު ކުރި ލަނޑުތަކުން ބޭރުމަތި ޗެމްޕިއަންކަން ހޯދައިގެންނެވެ. މިމުބާރާތް ބޭރުމަތި ޓީމުން ނިންމާލީ ބައިކޮޅަށް އެއްވެސް ލަނޑެއް ނުވަދެ އެވެ. ރީތި އައްޑޫ އަށް މުބާރާތުގެ ރަނާ އަޕް ޓީމުގެ މަގާމު ލިބިފައި ވާއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ އެފްސީ އުސްގަނޑަ އެވެ.

މުބާރާތުގެ ޗެމްޕިއަން އެފްސީ ބޭރުމަތި ޓީމަށް ވަނީ 120،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވިފައެވެ. އަދި ރަނާ އަޕް ޓީމަށް ވަނީ 30000 ރުފިޔާގެ އިނާމެއް ލިބިފައެވެ. މީގެ އިތުރުން މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމު އެފްސީ ޒެފިއާ އަށް ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވިފައެވެ.

މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖެވެ. މޭޖާ ސްޕޮންސަރަކީ ކޮސްމެޓިކްސް ސާމާނު އޮންލައިންކޮށް ވިއްކާ "ޖެނެޓް އެމްވީ" އެވެ. ކޯ ސްޕޮންސަރަކީ ވެމްކޯ އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ އާގަލާ މާޓެވެ.