ލެސްޓަ ސިޓީގެ މައްޗަށް 2-1 އިން ކުރި ހޯދައި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން މެންޗެސްޓަރ ޔުނައިޓެޑް ރޭ މޮޅުވެއްޖެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި އެޓީމުގެ ކެޕްޓަންކަން ކުރި ޕޯލް ޕޮގްބާއެވެ. ޔުނައިޓެޑަށް މި ޕެނަލްޓީ ލިބުނީ ލެސްޓާގެ ޕެނަލްޓީއޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ގޯލަށްފަހު ޕޮގްބާ އުފާފާޅުކުރަނީ

މި ގޯލަށްފަހު ފުރަތަމަ ހާފްގެ ބޮޑު ބައެއްގައި ލެސްޓާ އިން ރަނގަޅަށް ކުޅުނުއިރު އެޓީމުން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ މިޑްފީލްޑަރު މެޑިސަން އަށް ކަމަށްވާއިރު ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު ދެވަނަ ހާފްގައި ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފްގައި ކުޅެން އެރި ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލެސްޓާގެ ކީޕަރު ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ.

ގޯލަށްފަހު ޝޯ އުފާފާޅުކުރަނީ

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ މާޓާ ދިން ޕާހަކުން މެޗުގެ 83 ވަނަ މިނެޓްގައި ލޫކް ޝޯ ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ޔުނައިޓެޑަށް ބަދަލުވިފަހުން ޝޯ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ލެސްޓާގެ ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޖޭމީ ވާޑީއެވެ. ވާޑީ މި މެޗުގައި ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައެވެ.

ޖޭމީ ވާޑީ

ލީގުގެ ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވިއިރު ދެވަނަ މެޗުގައި އެޓީމު ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. އަދި ލެސްޓާ ބައްދަލުކުރާނީ ވުލްވްސްއާއެވެ.

ކިޔުންތެރިންގެ ހިޔާލު