ބާސެލޯނާގެ ކެޕްޓަންކަން އެ ކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީ އަށް ދީފިއެވެ.

ބާސާގެ ކެޕްޓަންކަން މިދިޔަ ސީޒަނުގައި ކޮށްފައިވަނީ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާއެވެ. ނަމަވެސް މިދިޔަ ސީޒަނަށްފަހު އިނިއެސްޓާ ބާސާ ދޫކޮށްލުމުން އެ މަގާމު ވަނީ ހުސްވެފައެވެ.

މެސީ އަށް ކެޕްޓަންކަން ދީފައިވާއިރު އޭނާ އަކީ 2015 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ވައިސް ކެޕްޓަނެވެ.

މި ސީޒަނުން ފެށިގެން ބާސާގެ ކެޕްޓަންކަން މެސީ ކުރާއިރު އެ ކްލަބުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާނީ ސާޖިއޯ ބުސްކެޓްސް އާއި ޖެރާޑް ޕީކޭގެ އިތުރުން ސާޖީ ރޮބާޓޯއެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް ބާސާގެ އެކެޑަމީ ކަމަށްވާ "ލަމާސިއާ" އިން ތަމްރީނުވި ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.

މެސީގެ ކެޕްޓަންކަމުގެ ދަށުން ބާސާ އިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ އެ ކްލަބުން ސްޕެނިޝް ސުޕަރ ކަޕްގައި ސެވިއްޔާއާ ދެކޮޅަށް ނިކުންނާނެއެވެ. ސްޕެނިޝް ސުޕަ ކަޕަކީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕްގެ ފައިނަލްގައި ބައްދަލުކުރި ދެ ޓީމުގެ މެދުގައި ކުޅެވޭ މެޗެކެވެ.

ސްޕެނިޝް ސުޕަ ކަޕްގައި މީގެކުރިން ދެ ލެގު ކުޅުނު ނަމަވެސް މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. މި މެޗު ކުޅޭނީ މޮރޮކޯގައި ކަމަށްވާއިރު މިއީ ސްޕެއިން އިން ބޭރުގައި މި މެޗު ކުޅޭ ފުރަތަމަ ފަހަރުވެސް މެއެވެ.