ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޗެލްސީ އާއި ޓޮޓެންހަމް ވެސް މޮޅުވެއްޖެއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޗެލްސީ މޮޅުވީ ހަޑަލްސްފީލްޑްއާ ބައްދަލުކޮށް 0-3 އިންނެވެ.

ހަޑަލްސްފީލްޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 34 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. ވިލިއަން ނަގައިދިން ހުރަހަކުން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ނަތީޖާ އެއްވަރުކޮށްލަން ހަޑަލްސްފީލްޑް އަށް ރަނގަޅު ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް އެޓީމުގެ މޫނީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި ފުރުސަތުގެ ބޭނުން ހަޑަލްސްފީލްޑް އަށް ނުހިފުނުއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ޕެނަލްޓީ ޗެލްސީ އަށް ލިބުނީ ހަޑަލްސްފީލްޑްގެ ޕެނަލްޓީއޭރިއާ ތެރެއިން ޗެލްސީގެ ޑިފެންޑަރު އޮލޮންސޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު ޗެލްސީ އަށް ލިބިފައިވެއެވެ. އެގޮތުން ރުޑިގާ ބޮލުން ފޮނުވާލި ހަމަލާ ހަޑަލްސްފީލްޑްގެ ކީޕަރު ދިފާއުކުރިއިރު އޮލޮންސޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް އެޑެން ހަޒާޑް ދިން ޕާހަކުން މެޗުގެ 80 ވަނަ މިނެޓްގައި ޕެޑްރޯ ވަނީ ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ޗެލްސީގެ އިތުރުން ޓޮޓެންހަމް މިރޭ މޮޅުވީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް 1-2 އިންނެވެ. މި މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ ވެޓޮންގެން އާއި ޑެލެ އަލީއެވެ. ނިއުކާސަލްގެ ގޯލު ކާމިޔާބުކޮށްދިނީ ޖޮސެލޫއެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ އާސެނަލްއާއެވެ. ޓޮޓެންހަމް ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.