ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ކަމުގެ މަގާމަށް އޮލިމްޕިކް ކޮމެޓީގެ ރައީސް އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދު އިންތިހާބު ކޮށްފިއެވެ.

ޝަވީދު މި މަގާމަށް އިންތިހާބުވީ މިއަދު ބޭއްވި އެ ޖަމިއްޔާގެ އިންތިހާބުގައެވެ.

އެގޮތުން އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ޑރ.އާދިލް ބިން މުހައްމަދު އިއްޒަތުއެވެ. އެ ޖަމިއްޔާގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ޝަވީދު އިންތިހާބު ކޮށްފައިވާއިރު ވައިސް ޕްރެޒިޑެންޓަކަށް ދެ ބޭފުޅަކު ވަނީ އިންތިހާބުކޮށްފައެވެ. އެއީ ސުބްރަތާ ދުއްތާ އާއި އަބްދުﷲ އަލް ޖުނައިބީއެވެ.

އެ ޖަމިއްޔާގެ އެކްސްކޯގައި ހިމެނޭ މެމްބަރުންނަކީ މަހްފޫޒާ އަހްތަރު އާއި އަރޫނާ ޑެ ސިލްވާ އާއި ކަރްމާ ސެރިންގް ޝާޕާ އާއި އަލްޝިހް އަލީ ހަލީފާގެ އިތުރުން ހަސަން ބާ ޝަންފާއެވެ.

ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނަކީ ސައުދީ އަރަބިއްޔާ އިސްވެ އޮވެ ފީފާ އާއި އޭއެފްސީގެ ރުހުމާއެކު ދާދިފަހުން އުފެއްދި ޖަމިއްޔާއެކެވެ.

ސައުދީ އާއި ރާއްޖޭގެ އިތުރުން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ހުޅަނގު އޭޝިޔާ އަށް ނިސްބަތްވާ އިރާގާއި ބަހްރެއިން އާއި ކުވެއިތާއި އޮމާން އާއި ޔޫއޭއީ އާއި ޔަމަން އަދި ދެކުނު އޭޝިއާ އަށް ނިސްބަތްވާ އިންޑިޔާ އާއި ބަންގްލަދޭޝް އާއި ބޫޓާން އާއި ނޭޕާލްގެ އިތުރުން ޕާކިސްތާނެވެ.