ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ، ޔުވެންޓަސް އަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައިފިއެވެ.

ރޮނާލްޑޯ ލަނޑު ޖަހާފައިވަނީ ޔުވެންޓަސްގެ ސީނިއާ ޓީމާއި ޔުވެންޓަސްގެ ބީ ޓީމު ރޭ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައެވެ. މި މެޗު 0-5 އިން ކާމިޔާބުކުރީ ޔުވެންޓަސްގެ ސީނިއާ ޓީމުން ކަމަށްވާއިރު، އެޓީމު ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ރެއާލް ދޫކޮށްލުމަށްފަހު ޔުވެންޓަސްއާ ގުޅުނީ 99.2 މިލިއަން ޕައުންޑުގެ އަގަކަށެވެ.

މިއީ 1955 ވަނަ އަހަރުން ފެށިގެން އިޓާލިއަން ލީގު ފެށުމުގެ ކުރިން ކޮންމެ އަހަރަކު ވެސް ޔުވެންޓަސް އިން ކުޅޭ އެކުވެރިކަމުގެ މެޗަކަށްވާއިރު މި މެޗަށް ކޮންމެ އަހަރަކު ވެސް ތަފާތު ޓީމުތަކަށް އަންނަނީ ދައުވަތު ދެމުންނެވެ.

ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްއާ އަލަށް ގުޅުނު އިތުރު ކުޅުންތެރިން ވެސް ރޭގެ މެޗުގައި ކުޅެފައިވެއެވެ. އެގޮތުން ލިވަޕޫލް ދޫކޮށްލުމަށްފަހު ޔުވެންޓަސްއާ ގުޅުނު އެމްރޭ ޗޭން އާއި އޭސީ މިލާން ދޫކޮށްލުމަށްފަހު ޔުވެންޓަސް އަށް އެނބުރި އައި ލިއަނާޑޯ ބޮނޫޗީ ފާހަގަކޮށްލެވެއެވެ.

އިޓާލިއަން ލީގުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު، ލީގުގެ ފުރަތަމަ މެޗުގައި ޔުވެންޓަސް ބައްދަލުކުރާނީ ކިއޭވޯއާއެވެ،

ފާއިތުވި ހަތް އަހަރުވެސް އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިންނެވެ.