ކައެންގެ މައްޗަށް 0-3 އިން ކުރި ހޯދައި ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެންކޫނޫ ދިން ޕާހަކުން މި ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިއީ މިދިޔަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާ ފްރެންޗް ލީގުގައި ކާމިޔާބުކުރި 20 ވަނަ ގޯލެވެ.

ފުރަތަމަ ހާފް ނިމުމުގެކުރިން ޕީއެސްޖީގެ ދެވަނަ ގޯލު އެޑްރިއަން ރަބިއޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޓިމޮތީ ވިއާއެވެ. އޭނާ އަކީ ލައިބީރިޔާގެ މިހާރުގެ ރައީސް ޖޯޖް ވިއާގެ ދަރިފުޅެވެ.

ރޭގެ މެޗުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ. ނަމަވެސް މި މެޗުގައި ޔުވެންޓަސް ދޫކޮށްލުމަށްފަހު ޕީއެސްޖީއާ ގުޅުނު ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ކުޅެފައިވާއިރު އޭނާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ކައެންގެ ކުޅުންތެރިންނަށް ފޮނުވާލެވިފައެއް ނުވެއެވެ،

ފްރެންޗް ލީގުގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ޕީއެސްޖީ ނިކުންނާނީ ގުއިންގަމްޕްއާ ދެކޮޅަށެވެ. ޕީއެސްޖީ އަކީ ފާއިތުވި ސީޒަނުގެ ފްރެންޗް ލީގުގެ ޗެމްޕިއަނުންނެވެ.