ޑޭވިޑް ސިލްވާ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އުމުރުން 32 އަހަރުގެ ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ މީސް މީޑިޔާ (ސޯޝަލް މީޑިޔާ) ގައި ރޭ އާއްމުކުރި ޕޯސްޓެއްގައެވެ.

ސިލްވާ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ އޭނާގެ ކެރިއަރުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ އެއް ނިންމުން ކަމަށާއި ގައުމީ ޓީމުގެ މަތިން އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ. އަދި ސްޕެއިންގެ ގައުމީ ޓީމާއެކު ހޯދުނު ކާމިޔާބީތަކާއި މެދު ފަހުރުވެރިވާ ކަމަށްވެސް ސިލްވާ ބުންޏެވެ.

"ގައުމީ ޓީމާއެކު އަހަރެން ކުރި ތަޖުރިބާ އަށް ބަލާއިރު، ގައުމީ ޓީމަށް ކުޅުން ހުއްޓާލާ ވާހަކަ ލިޔުމަކީ ވަރަށް އުނދަގޫ ކަމެއް. މި ނިންމުން ނިންމަން އަހަރެން ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރިން. ގައުމީ ޓީމުން އަހަންނަށް ހުރިހާ އެއްޗެއް ވެސް ދިން. އަދި އަހަރެންގެ ކުރިއެރުމަށް ވެސް ގައުމީ ޓީމުން އެހީތެރިވިދިން. އަހަރެން ގައުމީ ޓީމު މި ދޫކޮށްލަނީ ވަރަށް ފަހުރުވެރިކަމާއި އުފާވެރިކަމާއި އެކު" ސިލްވާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 2006 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ސިލްވާ ވަނީ އެޓީމަށް 125 މެޗު ކުޅެދީފައެވެ. ސިލްވާ ވަނީ އެޓީމާއެކު ވޯލްޑް ކަޕެއްގެ އިތުރުން ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ސިލްވާގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ދާދިފަހުން ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ އާއި ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ އިއުލާންކޮށްފައެވެ.