އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ޓޮޓެންހަމް އިން އެ ކްލަބުގެ އާ ސްޓޭޑިއަމް ހުޅުވުން ފަސްކޮށްފިއެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމް ހުޅުވުމަށްފަހު ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައި އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ކުޅޭ މެޗުގައި ޓޮޓެންހަމް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައި އޮތީ ލިވަޕޫލްއާއެވެ. އާ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާތީ ޓޮޓެންހަމްގެ ހޯމް މެޗުތައް މިދިޔަ ސީޒަނުން ފެށިގެން ކުޅެމުން އަންނަ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ޓޮޓެންހަމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އާ ސްޓޭޑިއަމް ހުޅުވުމުން ފަސްކުރަން ޖެހުނީ ސްޓޭޑިއަމްގެ ސޭފްޓީ ސިސްޓަމުގައި މައްސަލަތަކެއް އުޅޭކަން ދާދިފަހުން ބެލިބެލުމުން ފާހަގަކުރެވިފައިވާތީ ކަމަށެވެ. އަދި މި ކަންތައްތަކާއި ގުޅިގެން މި މަހުގެ 27 އަދި އަންނަ މަހުގެ އެއްވަނަ ދުވަހު ކުރަން ހަމަޖެހިފައި އޮތް ސްޓޭޑިއަމްގެ ޓެސްޓިން އިވެންޓު ކުރިން ހަމަޖެހިފައި އޮތް ގޮތަށް މިހާރު ކުރިއަށް ގެންދެވެން ނެތް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާ ސްޓޭޑިއަމްގައި ފުރަތަމަ މެޗު ކުޅުމުގެ ކުރިން ސޭފްޓީ ލައިސެންސް ހޯދަން ޖެހޭއިރު، މި ލައިސެންސް ލިބޭނީ މި ޓެސްޓަށް ބެލުމަށްފަހުއެވެ.

ޓޮޓެންހަމް އިން ބުނީ މިކަމާ ގުޅިގެން އާ ސްޓޭޑިއަމްގައި އަންނަ މަހުގެ 15 ވަނަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް ކުޅެން ހަމަޖެއްސި މެޗާއި އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ކާޑިފް ސިޓީއާ ދެކޮޅަށް ކުޅެން ހަމަޖެއްސި މެޗު ވެސް ވެމްބްލީގައި މިހާރު ކުޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމަކީ 62,062 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. މި ސްޓޭޑިއަމް ހެދުމަށް ގާތްގަނޑަކަށް 1 ބިލިއަން ޕައުންޑު ހޭދަވާނެ ކަމަށް ބެލެވޭއިރު މިއީ ޔޫރަޕްގެ އެންމެ އަގުބޮޑު ސްޓޭޑިއަމް ވެސް މެއެވެ.