ކުރިޔަށް އޮތް ހުކުރު ދުވަހުން ފަށައިގެން ލަލީގާގެ މެޗުތައް ލައިވް ކޮށް އިންޑިއަން ސަބްކޮންޓިނެންޓަށް ފޭސްބުކް މެދުވެރިކޮށް ފެންނަން ފަށާނެއެވެ.

މީގެ ކުރިން ސޮނީ ޕިކްޗާސް ނެޓްވޯކް އާއި އެކު ހަދާފައިވާ އެއްބަސްވުން ފޭސްބުކް އާއި އެކު ހެދުމުން އިންޑިއާ، އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ދިވެހި ރާއްޖެ އަށް ފޭސްބުކް މެދުވެރިކޮށް ލަލީގާގެ ހުރިހާ މެޗުތައް ލައިވްކޮށް ފެނިގެން ދާނެއެވެ.

ފޭސްބުކް އިން ލަލީގާ މެޗުތައް ދެއްކުމަށް ހަދާފައިވަނީ ކިހާ ބޮޑު އެއްބަސް ވުމެއް ކަން ނޭނގޭ އިރު އެންމެ ފަހުން 2014 ގައި ލަލީގާ މެޗު ތައް ދެއްކުމަށް ހުށަހަޅާފައި ވީއިރު ރައިޓްސް ގަނެފައި ވަނީ 32 މިލިއަން ޑޮލަރަށެވެ.

އިންޑިއަން ސަބްކޮންޓިނެންޓް ގައި ފޭސްބުކް ބޭނުން ކުރާ 348 މިލިއަން މީހުން ދިރި އުޅޭ އިރު މީގެ ތެރެއިން 270 މިލިއަން މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ މީހުންނެވެ. މިއީ ކުޅިވަރުގެ އިވެންޓެއް ބްރޯޑްކާސްޓް ކުރުމަށް ފޭސްބުކް އިން ކުރާ އެންމެ ބޮޑު އިންވެސްޓެވެ.

މީގެ އިތުރުން ފޭސްބުކް އިން މިހާރުވެސް ދަނީ އެމެރިކާގައި ފޭސްބުކް ބޭނުން ކުރާ މީހުންނަށް މޭޖާ ލީގު ބޭސްބޯލް ފެންނަ ގޮތަށް ލައިވް ކުރަމުންނެވެ. ފޭސްބުކް އިން ލައިވް ކުރާ ކޮންމެ ބޭސްބޯލް މެޗެއްގެ ހަރަދަކީ 1 މިލިއަން ޑޮލަރެވެ.

ފޭސްބުކްގެ ޑިރެކްޓާރ އޮފް ގްލޯބަލް ލައިވް ސްޕޯޓްސް ވިދާޅުވެފައިވަނީ، ލަލީގާ މެޗުތައް ފެނިގެންދާނީ އެއްވެސް އިޝްތިހާރަކާއި ނުލައި ކަމަށާއި މިއީ އިޝްތިހާރު ނުލައި ދައްކާނެ ފުރަތަމަ ލައިވް ސްޕޯޓް ކަމަށެވެ.