ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލާ ސީޒަނުގެ ފުރަތަމަ ވާދަވެރި މެޗަށް ނިކުންނަން ރެއާލް މެޑްރިޑުން ތައްޔާރުވެއްޖެއެވެ.

ރެއާލް ދޫކޮށްލުމަށްފަހު 99.2 މިލިއަން ޕައުންޑުގެ އަގަކަށް ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެފައިވާއިރު، އޭނާއާ ނުލާ ރެއާލް އިން ކުޅޭ ފުރަތަމަ ވާދަވެރި މެޗަކަށް މިވަނީ މިރޭ ކުޅޭ ޔޫއެފާ ސުޕަރ ކަޕްގެ މެޗެވެ. މި މެޗުގައި ރެއާލް އިން ބައްދަލުކުރާނީ އެތްލެޓިކޯ މެޑްރިޑާއެވެ.

ޔޫއެފާ ސުޕަރ ކަޕަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމާއި ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމުގެ މެދުގައި ކުޅެވޭ މެޗެކެވެ.

މިއީ ރޮނާލްޑޯއާ ނުލާ ރެއާލް އިން ކުޅޭ ފުރަތަމަ ވާދަވެރި މެޗުގެ އިތުރުން މި މެޗަކީ ރެއާލްގެ އާ ކޯޗު ޖޫލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ރެއާލް އިން ކުޅޭ ފުރަތަމަ ވާދަވެރި މެޗުވެސް މެއެވެ. ރެއާލްގެ ކޯޗުކަމާ ލޮޕެޓެގީ ހަވާލުވީ އެ މަގާމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ލޮޕެޓެގީ ބުނީ އޭނާގެ އިރުޝާދުގެ ދަށުން ރެއާލް އިން ކުޅޭ ފުރަތަމަ ވާދަވެރި މެޗު މިވަނީ ފައިނަލަކަށް ކަމަށާއި މި މެޗު ވެގެންދާނީ ޓެކްޓިކަލީ އަދި ފިޒިކަލީ ގޮތުން ބަލާއިރު ވެސް އުނދަގޫ މެޗަކަށް ކަމަށެވެ.

އެތްލެޓިކޯ އަކީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އެ ޓީމު ބަލިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރެއާލް އޮތީ ވަރަށް ރަނގަޅަށް ފޯކަސް ކޮށްގެން ކަމަށްވެސް އޭނާ ބުންޏެވެ.

"މިރޭގެ މެޗަކީ ފައިނަލެއް. އެތްލެޓިކޯ ބަލިކުރުމަށް ކުރަންޖެހޭ ކަންކަމަށް އަހަރުމެން މިތިބީ ފޯކަސް ކޮށްގެން" ލޮޕެޓެގީ ބުންޏެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެތްލެޓިކޯ އަށް އާ ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު މި މެޗުގެކުރިން އެތްލެޓިކޯ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ އާ ކުޅުންތެރިންނާއެކު ޓީމުގެ ވަކިވަކި ކުޅުންތެރިންގެ ފެންވަރު މަތިވެގެންދާނެ ކަމަށާއި ނަމަވެސް މުޅި ޓީމުގެ ފެންވަރު މަތިވާނީ އެންމެންވެސް އެއް އަމާޒަކަށް މަސައްކަތް ކުރުމުން ކަމަށެވެ.

އަދި މިރޭގެ މެޗުން މޮޅުވާން ކުރެވެން އޮތް ހުރިހާ ކަމެއް އެތްލެޓިކޯގެ ކުޅުންތެރިން ކުރާނެ ކަމަށްވެސް ސިމިއޯނީ ބުންޏެވެ.

ފާއިތުވި ދެ އަހަރުވެސް ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފައިވަނީ ރެއާލް އިން ކަމަށްވާއިރު މިރޭގެ މެޗު ރެއާލް އިން ކާމިޔާބުކޮށްފިނަމަ އެޓީމު ވެގެންދާނީ މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރާ ފުރަތަމަ ޓީމަށެވެ.

ޔޫރަޕްގެ މުބާރާތްތަކުގައި ރެއާލް އާއި އެތްލެޓިކޯ ނުވަ ފަހަރެއްގެ މަތިން މިހާތަނަށް ބައްދަލުކޮށްފައިވާއިރު ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުން އެތްލެޓިކޯ އަށް ރެއާލް ބަލިކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ރެއާލް އާއި އެތްލެޓިކޯ ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.