ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އެޓީމުގެ ފޯވާޑް މާރިއޯ މަންޒުކިޗް އިއުލާންކޮށްފިއެވެ.

އުމުރުން 32 އަހަރުގެ މަންޒުކިޗް އަކީ ރަޝިޔާގައި މިދިޔަ މަހު ނިމިގެންދިޔަ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެގޮތުން ސެމީފައިނަލްގައި އިންގްލޭންޑްގެ މައްޗަށް ކްރޮއޭޝިއާ އިން ކުރި ހޯދީ މަންޒުކިޗް ކާމިޔާބުކުރި ގޯލުންނެވެ.

ނަމަވެސް މުބާރާތުގެ ފައިނަލްގައި ފްރާންސްއާ ބައްދަލުކޮށް ކްރޮއޭޝިއާ ވަނީ 2-4 އިން ބަލިވެފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން މަންޒުކިޗް ބުނީ މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށާއި އެޓީމަށް ކުޅުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އަދި ނިމިގެންދިޔަ ވޯލްޑް ކަޕާއި މުބާރާތް ނިންމާލުމަށްފަހު އެނބުރި ގައުމަށް އައުމުން ކީ މަރުހަބާ ވެގެންދާނީ އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ހަނދާނަށް ކަމަށްވެސް މަންޒުކިޗް ބުންޏެވެ.

"ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވަކި ހާއްސަ ވަގުތެއް ނޯވޭ. އަހަރުމެންނަށް ކުރެވޭނަމަ، ދިރި ތިބެންދެން ވެސް ގައުމީ ޓީމަށް ކުޅުނީސް. ގައުމީ ޓީމަށް ކުޅުމަށްވުރެ ބޮޑު ޝަރަފެއް ނެތް. އަހަރެން ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވަގުތު އަހަންނަށް މިހާރު މިވަނީ އައިސް ޖެހިފައި" މަންޒުކިޗް ބުންޏެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ މަންޒުކިޗް ވަނީ ކްރޮއޭޝިއާގެ ގައުމީ ޓީމަށް 89 މެޗު ކުޅެދީ 33 ގޯލު ކާމިޔާބުކޮށްފައެވެ.