ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުޅުނު ކޮލިފިކޭޝަންގެ ތިންވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުން ބަލިވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ސްކޮޓްލޭންޑުގެ ސެލްޓިކަށް ފުރުސަތު ނުލިބޭނެކަން ކަށަވަރުވެއްޖެއެވެ.

ކޮލިފިކޭޝަންގެ ތިންވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުން ސެލްޓިކް ބަލިވީ ގްރީކް ލީގުގެ ޗެމްޕިއަނުން ކަމަށްވާ އޭއީކޭ އެތެންސްއާ ބައްދަލުކޮށް 2-1 އިންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން ކަމަށްވާއިރު އޭއީކޭ އެތެންސް އިން ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ރައުންޑުން ޖާގަ ހޯދީ 2-3 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.

ގްރީސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އޭއީކޭ އެތެންސް އިންނެވެ. މި ގޯލު މެޗުގެ ހަވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު މާކޯ ލިވާޖާ ވަނީ އޭއީކޭ އެތެންސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ސެލްޓިކުން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްކޮޓް ސިންކްލެޔާއެވެ.

މިއީ ސެލްޓިކްގެ ކޯޗުކަމާއި ބްރެންޑެން ރޮޖާސް ހަވާލުވިފަހުން އެޓީމަށް ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެއެވެ.

ޗެމްޕިއަންސް ލީގުން ސެލްޓިކަށް ޖާގަ ނުލިބުނުއިރު ޔޫރަޕްގެ ދެވަނަ ފަންތީގެ ކްލަބު މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުން ޖާގަ ހޯދުމުގެ ފުރުސަތު އެޓީމަށް އަދި އެބައޮތެވެ. އެގޮތުން އެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފް ރައުންޑުގައި ސެލްޓިކުން ވާދަކުރާނެއެވެ.

ޗެމްޕިއަންސް ލީގުން ސެލްޓިކަށް ޖާގަ ނުލިބުނުއިރު ނެދަލޭންޑްސްގެ އަޔެކްސް އިން ވަނީ ފަސޭހަކަމާއެކު ބެލްޖިއަމްގެ ސްޓެންޑާޑް ލީގޭގެ މައްޗަށް 0-3 އިން ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ރައުންޑުން ޖާގަ ހޯދާފައެވެ.