ކުރީގެ ރިއަލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލު ވިޔަސް ރިއަލް މެޑްރިޑުން ދާނީ ކުރިޔަށް ކަމަށް އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ބުނެފިއެވެ.

ރާމޮސް ބުނީ ރޮނާލްޑޯ ނެތަސް ރިއަލް މެޑްރިޑުން މަސައްކަތް ކުރަމުން ދަނީ ދާނީ ތަށި ކާމިޔާބު ކުރަން ކަމަށެވެ. ރޮނާލްޑޯ ނެތަސް ޓީމުގެ އަޒުމަކަށް އެއްވެސް ބަދަލެއް ނައަންނާނެ ކަމަށް އޭނާ ބުންޏެވެ.

ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ ރިއަލް މެޑްރިޑުގައި 9 އަހަރަށް ކުޅުމަށް ފަހު 100 މިލިއަން ޕައުންޑަށެވެ.

ރޮނާލްޑޯގެ ބަދަލުގައި ރިއަލް މެޑްރިޑަށް އިތުރު ކުޅުންތެރިއަކު ގެންދަން އެޓީމުން މަސައްކަތް ކުރާއިރު ޒިދާންގެ ފަހުން ޓީމާއި ހަވާލުވި ޖޫލެން ލޮޕެޓެގުއި ގަބޫލުކުރަނީ ގެރެތް ބޭލް އަކީ މިފަހަރު ރޮނާލްޑޯ ނެތް ތަނުގައި އޭނާގެ ދައުރު އަދާ ކުރާނެ ކުޅުންތެރިއެއް ކަމަށެވެ.

ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލު ވުމަށް ފަހު އޭނާ ދައްކާފައިވާ ވާހަކަ އިން ސްޕެއިންގައި ތިބި އޭނާގެ ސަޕޯޓަރުން ހިތް ހަމަ ނުޖެހިފައި ވާއިރު އޭނާ ބުނެފައި ވަނީ ޔުވެންޓަސް އަކީ އާއިލާ އެއް ކަމަށެވެ. މީގެ އިތުރުން ޔުވެންޓަސް ޖާޒީ އެއްގައި ފުރަތަމަ ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑެއް ވެސް ކާމިޔާބު ކޮށްދީފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޔުވެންޓަސް ޔޫތް ޓީމާއި އެވެ.

އެހެން ނަމަވެސް ސާޖިއޯ ރާމޮސް ގަބޫލު ކުރާގޮތުގައި މިހުރިހާ ދުވަހު ޔޫރަޕުގެ މުބާރާތް ތައް ކާމިޔާބު ކުރަމުން އައި ގޮތަށް ރޮނާލްޑޯ ނެތް ކަމުގައި ވީނަމަވެސް ރިއަލް މެޑްރިޑުން ކާމިޔާބު ކުރާނެއެވެ. މިރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރިއަލް މެޑްރިޑު ނިކުންނަނީ ޔުއެފާ ސުޕަކަޕް ކާމިޔާބު ކުރުމުގެ އުއްމީދުގައި ކަމަށް ސާޖިއޯ ރާމޮސް ބުނެފައި ވެއެވެ.