އެތްލެޓިކޯގެ ކުޅުންތެރިން ތަށްޓާއެކު - ފޮޓޯ: ގެޓީ އިމޭޖެސް

4-2 އިން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ޔޫއެފާ ސުޕަރ ކަޕް އެތްލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ޔޫއެފާ ސުޕަރ ކަޕަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދި ޓީމާއި (ރެއާލް މެޑްރިޑް) އަދި މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމާއި (އެތްލެޓިކޯ މެޑްރިޑް) ދެމެދު ކުޅެވޭ މެޗެކެވެ.

ގޯލަކަށްފަހު ކޮސްޓާ އުފާފާޅުކުރަނީ

އެސްޓޯނިއާގައި ރޭ ކުޅުނު ފޯރިގަދަ މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޑިއޭގޯ ކޮސްޓާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެތްލެޓިކޯ އަށް ލީޑު ނަގާދީފައެވެ. ކޮސްޓާ މި ގޯލު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީއޭރިއާގެ އަރިމަތީގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އެތްލެޓިކޯގެ މި ގޯލަށްފަހު ރެއާލް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު އެޓީމުން ދިޔައީ އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ބޭލް ނަގައިދިން ރީތި ހުރަހަކުން މެޗުގެ 27 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެތްލެޓިކޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އެސެންސިއޯ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެސެންސިއޯ ފޮނުވާލި އެ ހަމަލާ ދިޔައީ އެތްލެޓިކޯގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ބެންޒެމާ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދެނީ - ފޮޓޯ: ގެޓީ އިމޭޖެސް

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 63 ވަނަ މިނެޓްގައި ރެއާލް އަށް ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ ރާމޯސް ވަނީ އެޓީމަށް މެޗުގެ ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ރެއާލް އަށް ލިބުނީ އެތްލެޓިކޯގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ހުއާންފްރާންގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ނަމަވެސް މެޗުގެ 79 ވަނަ މިނެޓްގައި އެންހެން ކޮރީޔާ ދިން ޕާހަކުން ކޮސްޓާ ވަނީ އެތްލެޓިކޯ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 90 މިނެޓްގެ ފަހުވަގުތުކޮޅުތެރޭ މި މެޗުން ރެއާލް މޮޅުކޮށްދޭން މާސެލޯ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ރާމޯސް ޕެނަލްޓީ ކާމިޔާބުކުރަނީ - ފޮޓޯ: ގެޓީ އިމޭޖެސް

90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު ސައުލް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ މި މެޗުގެ ލީޑު އެތްލެޓިކޯ އަށް ނަގާދީފައެވެ. އަދި ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅުތެރޭ ވިޓޯލޯ ދިން ޕާހަކުން ކޮކޭ ވަނީ އެތްލެޓިކޯގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

15 މިނެޓްގެ ދެވަނަ ހާފްގެ ކުޅުމުގައި އެތްލެޓިކޯ އަށް ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ގޯލަކަށްފަހު ސައުލް އުފާފާޅުކުރަނީ - ފޮޓޯ: ގެޓީ އިމޭޖެސް

މިއީ އެތްލެޓިކޯ އިން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މީގެކުރިން އެޓީމުން ވަނީ 2010 އަދި 2012 ވަނަ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި މެޗުން ރެއާލް ބަލިވިއިރު މިއީ ފާއިތުވި ސީޒަންތަކުގައި ރެއާލް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލާ އެޓީމުން ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ. ރެއާލް ދޫކޮށްލުމަށްފަހު 99 މިލިއަން ޕައުންޑުގެ އަގަކަށް ރޮނާލްޑޯ ދާދިފަހުން ވަނީ ޔުވެންޓަސް އަށް ބަދަލުވެފައެވެ.

އެތްލެޓިކޯގެ ކުޅުންތެރިން ތަށްޓާއެކު - ފޮޓޯ: ގެޓީ އިމޭޖެސް

މީގެއިތުރުން މިއީ ރެއާލް މެޑްރިޑްގެ އާ ކޯޗު ޖޫލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ ވާދަވެރި މެޗުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރޮނާޑޯ ނެތްތަން ފޫބައްދާނީ ކާކުތަ؟ ސީޒަނެއްގަ 50ގޯލް ޖަހާކުޅުންތެރިއެއް ނެތްތަން ފޫބެއްދޭ ފެންވަރުގެ ކުޅުންތެރިޔަކު ރެއާލް މެޑްރިޑަކު ނެތް މީހަގީގަތެއް ހަގީގަތެއް ބަދަލެއްނުވާނެ

    • ރަނގަޅު ވާހަކައެއް ނަމަވެސް ރޮނާލްޑޯ ނެޠުމަކީ ރެއާލް ބަލިވުމައް ދެއްކޭނެ އުޒުރެއް ނޫން، ރެއާލްގެ ހުރިހާޕޮޒިސަނެއްގަވެސް އެތިބީ މިވަގުތު ދުނިޔޭގަތިބި އެންމެ ނުފޫޒުގަދަ މޮޅެތި ކުޅުންތެރިން

  2. ރޮނާލްޑޯ ނެތީމަ ރެއާލް ބަލިވީ

  3. ތީ ތެދެއް ރަށްދު ބުންޔަސް