އަނިޔާގެ ސަބަބުން މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރައިނާ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ޑި ބްރައިނާގެ ކަނާތު ފައިގެ ކަކުލަށް އަނިޔާވެފައިވަނީ ސިޓީން އިއްޔެ ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ.

މިކަމާ ގުޅިގެން ސިޓީން ބުނީ ޑި ބްރައިނާ އަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޓެސްޓުތަކެއް ހަދާނެ ކަމަށާއި މި އަނިޔާގެ ކުޑަބޮޑުމިން އަދި ބުނަން ނޭނގޭ ކަމަށެވެ.

ސިޓީން މިގޮތަށް ބުނެފައިވާއިރު މި އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް ތިން މަސްދުވަހަށް ޑި ބްރައިނާ ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ވެސް ބިރު އެބައޮތް ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ޑި ބްރައިނާ އަށް 2016 ވަނަ އަހަރުވެސް ހަމަ މިފަދަ އަނިޔާއެއް ލިބިފައިވެއެވެ. އެ އަނިޔާއާ ގުޅިގެން އެ ސީޒަނުގައި ސިޓީން ކުޅުނު 12 މެޗެއް އޭނާ އަށް ގެއްލުނެވެ.

ސިޓީގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޑި ބްރައިނާ އަކީ މިދިޔަ ސީޒަނުގެ ސިޓީގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާއިރު އޭނާ ވަނީ އެޓީމަށް ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އާދީއްތަ ދުވަހު ވަނީ އާސެނަލްގެ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ. ސިޓީ އަށް ކުރިއަށް ދެން އޮތީ ހަޑަލްސްފީލްޑްއާ ދެކޮޅަށް ކުޅޭ މެޗެވެ.