ނައިޖީރިޔާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވިކްޓަ މޯސެސް އިއުލާންކޮށްފިއެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން އުމުރުން 27 އަހަރުގެ މޯސެސް ބުނީ އޭނާގެ ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކެއް ތަޖުރިބާކުރީ ނައިޖީރިޔާގެ ގައުމީ ޓީމާއެކު ކަމަށާއި އެ ކަންތައްތައް އޭނާގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ކަމަށެވެ.

ނަމަވެސް މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށާއި މިއީ ކްލަބު ކެރިއަރަށާއި އޭނާގެ އާއިލާ އަށް މުޅިން ފޯކަސް ކުރުމަށް ނިންމި ނިންމުމެއް ކަމަށްވެސް މޯސެސް ބުންޏެވެ. މީގެއިތުރުން މިއީ ނައިޖީރިޔާގެ އަންނަން އޮތް ޖީލަށް ގައުމީ ޓީމުން ޖާގަ ހޯދައި ކަންތައްތަކެއް ހާސިލުކުރުމަށް ފުރުސަތު ހުޅުވާލުމަށް ނިންމި ނިންމުމެއްކަން ވެސް މޯސެސް ވަނީ ފާހަގަކޮށްފައެވެ.

ޗެލްސީ އަށް ކުޅެމުން އަންނަ މޯސެސް ވަނީ ނައިޖީރިޔާގެ ގައުމީ ޓީމަށް 37 މެޗު ކުޅެދީ 12 ގޯލު ކާމިޔާބުކޮށްދީފައެވެ. ނައިޖީރިޔާގެ ގައުމީ ޓީމަށް މޯސެސް ކުޅެން ފެށީ 2012 ވަނަ އަހަރުއެވެ.

މޯސެސް ވަނީ ނައިޖީރިޔާގެ ގައުމީ ޓީމާއެކު 2013 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ.