ބަންގްލަދޭޝްގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ދިވެހި ޓީމުން ގަތަރުގައި ތައްޔާރުވަމުންދާ އިރު، ކުޅުނު ފުރަތަމަ މެޗުގައި ގަތަރުގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް މަރްޚިޔާ ސްޕޯޓްސް ކްލަބް ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ރާއްޖޭގެ ގޯލްތައް ޖަހައިދިނީ ނާއިޒް ހަސަން (ދާދު)ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަދި މުހައްމަދު އާރިފް (ބަކާ)އެވެ. މެޗުގެ ފުރަތަމަ 11އަށް ކޯޗު، ޕީޓާ ސެގަޓް ނެރުނު ތިން ފޯވަޑުންވެސް ގޯލް ޖަހާފައިވާ އިރު، މެޗާ ގުޅިގެން ވާހަކަ ދައްކަމުން އޭނާ ވަނީ ރާއްޖޭގެ ޓީމުން ކުރި އެޓޭކަށް ތައުރީފް ކޮށްފައެވެ.

"މެޗު ކުޅުނީ އުނދަގޫ ހާލަތެއްގައި. ރޭގަނޑާއި ދުވާލުގެ ފަރިތަކުރުންތަކަށްފަހު. މެޗުގައި އެންމެ މުހިއްމު ކަމަކަށް ބެލީ ގޯލް ޖެހުމަށް. އަހަރެންގެ ފިލޯސަފީއަކީވެސް އެޓޭކިން ފުޓުބޯޅައެއް. މިއަދުވެސް ފޯވަޑުންގެ ކުޅުމަށް ތައުރީފް ކުރަން. ދާދު އަނެއްކާވެސް ދެ ގޯލް ޖެހުމުން ވަރަށް ހިތްހަމަ ޖެހޭ،" ސެގަޓް ބުންޏެވެ.

ސެގަޓް ބުނެފައި ވަނީ ޑިފެންސުން މައްސަލަތަކެއް ފެނުނު ކަމަށާއި، އެހެން ނަމަވެސް އެޓޭކްގެ ސަބަބުން މެޗުން މޮޅުވެވުނު ކަމަށެވެ.

"ހުރިހާ ކުޅުންތެރިންވެސް ކުރިއަށް ޕްރެސްކޮށްގެން އެޓޭކް ކުރުމަށް މަސައްކަތް ކުރުމަކީ ފެނުނު މުހިއްމު ކަމެއް. އަދިވެސް ޓީމު މިދަނީ ތައްޔާރުވަމުން. މެޗުގައި ކުޅުނީ ޑިފެންސްގައި މުހިއްމު ބައެއް ކުޅުންތެރިން މަދުކޮށް. ހާއްސަކޮށް އަކޫ ކަހަލަ މުހިއްމު ކުޅުންތެރިން. ޑިފެންސުން މައްސަލަތަކެއް ފެނުނު. އެކަމަކު ގޯލް ޖެހުމުން އެކަން ހައްލުވޭ. މިއީ އަބަދުވެސް ބުނާ ވާހަކަ،" ސެގަޓް ބުނެފައިވެއެވެ.

ސެގަޓް ބުނީ ޓީމުގެ މައްސަލައަކީ މާ ފަސޭހައިން ކޮޅަށް ގޯލް ވަނުން ކަމަށާއި، އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"ޓީމުގެ އޮތް މައްސަލައަކީވެސް މާ ފަސޭހައިން ގޯލް ވަނުން. ރާއްޖޭގެ ލީގުންވެސް ފާހަގަވާ ކަމެއް އެއީ. މާ ފަސޭހައިން ގޯލް ވަނުން. ބައެއް ފަހަރު އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ގޯލްކީޕަރު ނޫނީ ޑިފެންޑަރެއްވެސް ނޫން. އެޓޭކް ކުރާ މީހުންވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ. ޑިފެންސް ފެށޭނީ އެޓޭކާ ހަމައިން،" ސެގަޓް މެޗަށްފަހު ގަތަރުގައި ހުރެ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ރާއްޖޭގެ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދަނީ މޮންޓަނެގްރޯގެ ތަޖުރިބާކާރު ފިޓްނަސް ކޯޗެއް ކަމަށްވާ ކްރުނިޗް ލަޑިމީރްގެވެސް އިރުޝާދާ އެކުގައެވެ. އޭގެ އިތުރުންވެސް ސެގަޓްގެ އެސިސްޓެންޓެއްގެ ގޮތުގައި ބެލްޖިއަމްގެ ގެލާ ޝެކިލާޒޭވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"މިދިޔަ ދުވަސްތަކުގައި ބެލީ ޓީމު ފިޒިކަލީ ތައްޔާރުކުރަން. ދެން އޮތީ ޓެކްޓިކަލް މަސައްކަތްތައް. އެ މަސައްކަތްތަކާއެކު ޓީމުގެ ޑިފެންސް މައްސަލަތައްވެސް ހައްލުވާނެ. ހާއްސަކޮށް އަކޫއާއި މުޖޭވެސް އެނބުރި އަންނަ ހިސާބުން ޑިފެންސް ރަނގަޅުވާނެ. ކުޅުމަށް ހިތްހަމަ ޖެހޭ. ޓެކްޓިކަލީ ގޯސްތަކެއް ހެދި ނަމަވެސް، ޓީމުން ކުރި ހިތްވަރު ވަރަށް ބޮޑަށް ފާހަގަކުރެވޭ. ކުޅުންތެރިންގެ މަސައްކަތް ފުރިހަމަ،" ޓީމުގެ ފަރިތަކުރުންތަކާ ގުޅިގެން ސެގަޓް ބުންޏެވެ.

ރާއްޖޭގެ ޓީމުން ގަތަރުގައި ކޭމްޕް ކުރަމުންދާ އިރު، ޓީމުން އިތުރު މެޗެއް ކުޅޭނެ ކަމެއް އަދި މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ލަފާކުރެވޭ ގޮތުގައި ޓީމުން ގަތަރުގައި އަދި މެޗުތަކެއް ކުޅޭނެއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ. ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާ އެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.