މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުގައި ހުސެއިން ފަޔާޒް އަތުން ޝަރީފް މޮޅުވީ 10-11 ފްރޭމް އިންނެވެ. ޝަރީފް އަކީ އެމްޕީބީއޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އަދި ފަޔާޒް އަކީ ރޭންކިންގެ އެއްވަނައިގައި އޮތް ކުޅުންތެރިޔާއެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގު އިބްރާހިމްއެވެ.

ރަނަރަޕްކަން ހޯދި ފަޔާޒް

މި މަހުގެ 5 އިން ފެށިގެން ރޭގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޝަރީފް އަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕްކަން ހޯދި ފަޔާޒް އަށް އިނާމެއްގެ ގޮތުގައި 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.

އަދި ތިންވަނަ ހޯދި ހަސަން ޝާޒް މުހައްމަދު އަށް ދީފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ކިޔުންތެރިންގެ ހިޔާލު