ސައުތު އޭޝިއަން ގޭމްސް މެޗެއްގެ ތެރެއިން އަންހެން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން - ފޮޓޯ: އޮލިމްޕިކް ކޮމިޓީ

އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ގައުމީ އަންހެން ޓީމު ބަލިވީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑޮނީޝިޔާއާ ބައްދަލުކޮށް 0-6 އިންނެވެ.

އިންޑޮނީޝިޔާ އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ 10 މިނެޓްގައި ކާމިޔާބުކޮށްދިނީ މުޒްދަލިފާއެވެ. އަދި އޭގެ ފަސް މިނެޓްފަހުން އިންޑޮނީޝިޔާގެ ދެވަނަ ގޯލު މަޔަންގް ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުދިތް ހާލިނާ ސަދާ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިންޑޮނީޝިޔާ އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އިންޑޮނީޝިޔާ އިން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މަޔަންގް އާއި ޖެސެލާ އަރިފްޔާއެވެ. އިންޑޮނީޝިޔާ ޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ މުޒްދަލިފާއެވެ.

ރާއްޖެ ހިމެނެނީ ގްރޫޕް އޭގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ދެކުނު ކޮރެޔާ އާއި ޗައިނީޒް ޓައިޕޭއެވެ. މުބާރާތުގައި މިއަދު މި ދެ ޓީމު ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ދެކުނު ކޮރެޔާއެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް މި ގްރޫޕުން އެންމެ ގިނަ ޕޮއިންޓު ހޯދާ ތިން ޓީމު ދަތުރުކުރާނެއެވެ.

މުބާރާތުގައި ރާއްޖެ އިން ދެން ބައްދަލުކުރާނީ ދެކުނު ކޮރެޔާއާއެވެ. އެ މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ޗައިނީޒް ޓައިޕޭއާ ދެކޮޅަށެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ގައުމީ ޓީމު ވާދަނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނަ އަހަރު ދާންވާނެ އަދި... ?