ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އަށް ނުފޫޒު ފޯރުވައިގެން އޭނާ ގެންނަން އިންޓަ މިލާނުން އުޅުނު ކަމަށް ބުނެ ރެއާލް އިން ފީފާ އަށް މައްސަލަ ހުށަހަޅައިފިއެވެ.

އިޓަލީގެ ކްލަބުތަކަށް ޓްރާންސްފާ މާކެޓު ރޭ ބަންދުވެފައިވާއިރު، ޓްރާންސްފާ މާކެޓު ބަންދުވުމުގެ ކުރިން އިތުރު މިޑްފީލްޑަރެއް ގެންނަން އިންޓަ އިން މަސައްކަތް ކުރިއެވެ. އެގޮތުން އެ ކްލަބުން ގެންނަން އެންމެ ބޮޑަށް ބޭނުންވީ މޮޑްރިޗް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޮޑްރިޗް ގެންނަން ކުރި މަސައްކަތް އިންޓަ އަށް ކާމިޔާބު ކުރެވިފައި ނުވާއިރު ރިޕޯޓުތައް ބުނާގޮތުން އިންޓަގެ މައްސަލަ ރެއާލް އިން ފީފާ އަށް ހުށަހެޅީ އެ ކްލަބުގެ ހުއްދައަކާއި ނުލާއި ޓްރާންސްފާގެ ކަންތައްތަކާއި އިންޓަ އިން މޮޑްރިޗްއާ މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެއެވެ.

ކްލަބަކުން ކުޅުންތެރިއަކު ގެންނަން ބޭނުންވާނަމަ އެންމެ ފުރަތަމަ ވެސް އެކަމާ ގުޅޭގޮތުން ވާހަކަދައްކަން ޖެހޭނީ އެ ކުޅުންތެރިއަކު ނިސްބަތްވާ ކްލަބަކާއެވެ.

މި މައްސަލަ ރެއާލް އިން ހުށަހަޅާފައިވާކަން ފީފާގެ ތަރުޖަމާނަކު ވަނީ "އީއެސްޕީއެން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ރެއާލްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާ ކުރަމުންދާ މޮޑްރިޗް އަކީ އެ ކްލަބަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި އިސް ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ މޮޑްރިޗް ރެއާލްއާ ގުޅުނީ 2012 ވަނަ އަހަރު ޓޮޓެންހަމް އިންނެވެ. މޮޑްރިޗް ވަނީ މިހާތަނަށް ރެއާލް އަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

އުމުރުން 32 އަހަރުގެ މޮޑްރިޗް ރެއާލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރުއެވެ.