މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެޑެން ހަޒާޑް ޗެލްސީން ގޮސްދާނެތީ ކަންބޮޑުވި ކަމަށް އެ ކްލަބުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އޮތްއިރު އެ ކްލަބުން އަންނަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ހަޒާޑް ގެންނަން ސްޕެއިންގެ ރެއާލް މެޑްރިޑުން ޝައުގުވެރިވާއިރު މިދިޔަ މަހުގެ ތެރޭގައި ހަޒާޑް ވަނީ ޗެލްސީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ޗެލްސީން ކުޅޭ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސާރީ ބުނީ ޗެލްސީއާ ގުޅުނުއިރު ހަޒާޑް އެ ކްލަބުން ގޮސްދާނެތީ ކަންބޮޑުވި ކަމަށާއި ނަމަވެސް އެކަމާ ގުޅޭގޮތުން ހަޒާޑްއާ ވާހަކަދެއްކުމުން އޭނާ އެ ކްލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަ ކަމަށެވެ.

"ހަޒާޑްއާ އަހަރެން ފުރަތަމަ ވާހަކަ ދެއްކި ދުވަހު ވެސް ޔަގީންވެއްޖެ، އޭނާ އެ ކްލަބުގައި މަޑުކުރާނެކަން. އެހެންވީމަ ގާތްގަނޑަކަށް 20 ވަރަކަށް ދުވަހަށް އަހަރެން އެކަމާ މެދު ކަންބޮޑުވި" ސާރީ ބުންޏެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކަށް ޓްރާންސްފާ މާކެޓު ބަންދުވެފައިވީ ނަމަވެސް ސްޕެއިންގެ ކްލަބުތަކަށް ކުޅުންތެރިން ގަތުމުގެ ފުރުސަތު މި މަހުގެ 31 ގެ ނިޔަލަށް ހުޅުވިފައި އޮތުމުން ހަޒާޑް ގެނައުމަށް ރެއާލް އަށް އަދިވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްލެވެއެވެ.

ހަޒާޑް ގެންނަން ރެއާލް އިން ޝައުގުވެރިވި ނަމަވެސް ޗެލްސީގައި ހަޒާޑް މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސާރީ ވަނީ ބުނެފައެވެ.

"ފާއިތުވި 10 ދުވަހުގެ ތެރޭގައި ފުދޭވަރަކަށް ގިނައިން އަހަރެން ހަޒާޑްއާ ވާހަކަދެއްކިން. އަހަރެން ގާތު ނުބުނޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކައެއް. މި ސީޒަނުގައި ހަޒާޑް ޗެލްސީގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް" ސާރީ ބުންޏެވެ.

ހަޒާޑް އަށް މި ސީޒަނުގައި ޗެލްސީގެ ކެޕްޓަންކަން ދޭން އުޅޭ ވާހަކަތައް ވެސް ދެކެވެމުން އަންނައިރު ސާރީ ބުނީ އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

"މިވަގުތަށް ކެޕްޓަންކަން ކުރާނީ އަޒްޕިލިކުއެޓާ. އަހަރެން ބޭނުން ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް އެނގެން. ކުރިއަށް އޮތް 10 ނުވަތަ ހަފްތާތަކުގެ ތެރޭގައި ޗެލްސީގެ ކެޕްޓަންކަން ކުރާނެ ކުޅުންތެރިއަކު އަހަރެން ކަނޑައަޅާނަން" ސާރީ ބުންޏެވެ.

ލީގުގައި ޗެލްސީން މިރޭ އާސެނަލްއާ ދެކޮޅަށް ނިކުންނައިރު، ޗެލްސީ ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ހަޑަލްސްފީލްޑްގެ މައްޗަށް 0-3 އިން ކުރި ހޯދާފައެވެ. އާސެނަލް ވަނީ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީއާ ބައްދަލުކޮށް 0-2 އިން ބަލިވެފައެވެ.

ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9:30 ގައެވެ.