މި ސީޒަނުގެ އިޓާލިއަން ލީގުގެ ފުރަތަމަ މެޗުގައި މިރޭ ކިއޭވޯއާ ދެކޮޅަށް ކުޅޭ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ 99 މިލިއަން ޕައުންޑުގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރޮނާލްޑޯ އަކީ ޔުވެންޓަސް އަށް މިހާތަނަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުނީ އިޓާލިއަން ލީގުގައި ފުރަތަމަ ފަހަރަށް ރޮނާލްޑޯ މިރޭ ކުޅޭނެ ކަމަށާއި ރޮނާލްޑޯ ވަރަށް ރަނގަޅަށް ޔުވެންޓަސްގެ ސިސްޓަމަށް ހޭނެމުން އަންނަ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ މަސައްކަތް ކުރަން ވަރަށް ފަސޭހަ ކުޅުންތެރިއެއް ކަމަށާއި އެކުގައި ގިނައިން ކުޅުނު ވަރަކަށް ކަންތައްތައް ބަރާބަރު ވެގެންދާނެ ކަމަށްވެސް އެލެގްރީ ބުންޏެވެ.

"އަހަރުމެން ހީކޮށްގެން ނުވާނެ ރޮނާލްޑޯ ހުރީމަ މެޗުތަކުން މޮޅުވާނެއޭ. އަހަރުމެން އެބަޖެހޭ ޔުވެންޓަސް އަކީ ޓެކްނިކަލީ ގޮތުން މިހާރު ބަރާބަރު ޓީމެއްކަން ސާބިތުކޮށްދޭން. އެކަން ކުރުމަށް ހުރިހާ ކުޅުންތެރިން ވެސް ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ" އެލެގްރީ ބުންޏެވެ.

ރޮނާލްޑޯގެ އިތުރުން މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ގޯލްކީޕަރު ޝެޒްނީ އާއި ކިއެލީނީ އާއި މިރާލެމް ޕިޔާނިޗް އާއި ކަންސެލޯ އަދި އެލެކްސް ސަންޑްރޯ ކުޅޭނެ ކަމަށްވެސް އެލެގްރީ ވަނީ ބުނެފައެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގެ ފުރަތަމަ މެޗަށް ޔުވެންޓަސް ނިކުންނައިރު ފާއިތުވި ހަތް އަހަރުވެސް އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިންނެވެ.

ކިއޭވޯގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރުއެވެ.