އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕީނާ ލޯނެއްގެ ދަށުން އިޓަލީގެ ލީގު ކަމަށްވާ ސީރިއާގެ ކްލަބު ނަޕޮލީ އަށް ބަދަލުވެއްޖެ އެވެ.

އޮސްޕީނާ ނަޕޮލީ އަށް ބަދަލުވީ އެއް ސީޒަނުގެ މުއްދަތަކަށެވެ. 29 އަހަރުގެ އޮސްޕީނާ އާސެނަލް އާއި ގުޅިފައި ވަނީ 2014 ވަނަ އަހަރު 3 މިލިއަން ޕައުންޑަށެވެ. އާސެން ވެންގާގެ ފަހުން އާސެނަލް އާއި ހަވާލުވި އުނޭ އެމެރީގެ ކޯޗު ކަމުގެ ދަށުން އޭނާ އަށް ކުޅެން ލިބޭ ފުރުސަތު ވަނީ މަދު ވެފައެވެ.

އުނޭ އެމެރީ އާސެނަލް އާއި ހަވާލު ވި ފަހުން ބަޔާ ލެވަކޫސަންގެ ކީޕަރު ބާރންޑް ލެއޯ ވަނީ އާސެނަލް އާއި ގުޅިފައެވެ. އުނޭ އެމެރީ ވަނީ އޮސްޕީނާގެ ބަދަލުގައި ބާރންޑް ލެއޯ ދެވަނަ ކީޕަރެއްގެ ގޮތުގައި ބޭނުން ކޮށްފައެވެ. ކީޕަރުގެ އިތުރުން އެމެރީ ވަނީ ގިނަ ކުޅުންތެރިން އާސެނަލް އަށް ގެނެސްފައެވެ.

މިއަހަރުގެ ސީޒަންގެ ފުރަތަމަ މެޗުގައި މެންޗެސްޓާރ ސިޓީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ގޯލުން ފަށާފައިވަނީ ކުރީގެ ޗެލްސީ ކީޕަރު ޕީޓާ ކެޗް އެވެ. ނަމަވެސް ޕްރެމިއާރ ލީގު ޗެމްޕިއަން މެންޗެސްޓާރ ސިޓީ ވަނީ 0-2 ގެ ނަތީޖާ އަކުން އާސެނަލް ބަލިކޮށްފައެވެ.

މިދިޔަ މަހު ރަޝިޔާގައި ކުރިޔަށް ދިޔަ ފީފާ ވޯލްޑް ކަޕުގައި ކޮލަމްބިއާގެ ފުރަތަމަ ކީޕަރެއްގެ ގޮތުގައި އޮސްޕީނާ ކުޅުނު އިރު މުބާރާތުގެ ދެވަނަ ބުރުގައި އިންގްލޭންޑާއި ދެކޮޅަށް ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ވަނީ ވޯލްޑް ކަޕުން ކަޓާފައެވެ. އާސެނަލް އާއި އެކީ އޮސްޕީނާ ވަނީ 70 މެޗު ކުޅެ 2 އެފްއޭ ކަޕު ކާމިޔާބު ކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު