ބާސެލޯނާގެ ފުލް ޓައިމް ކެޕްޓަން އެއްގެ ގޮތުގައި މެސީ ކުޅުނު ފުރަތަމަ މެޗުގައި 0-3 ގެ ނަތީޖާ އަކުން އޭނާގެ ދެލަނޑާއި އެކު މޮޅު ވެއްޖެއެވެ.

ޑިޕޮޓިވޯ އަލަވޭސް ކޮޅަށް ބާސާ އިން ކުރި ހޯދި މޮޅުގެ އިތުރުން ލިއޮނެލް މެސީ ވަނީ ލަލީގާ ގައި ބާސެލޯނާ އިން ޖަހާފައިވާ 6000 ވަނަ ގޯލު މިމެޗްގައި ކާމިޔާބު ކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގެ ތެރޭގައެވެ.

މެސީ ވަނީ ދެވަނަ ހާފުގެ މެދު ތެރެއަކުން އޭނާ އަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައި މެޗުގެ ފުރަތަމަ ލަނޑު ބާސެލޯނާ އަށް ކާމިޔާބު ކޮށްދީފައެވެ. އެއަށްފަހު މާގިނަ އިރު ތަކެއް ނުވެ ފިލިޕޭ ކޯޓީނިއޯ ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ބަލިވެފައި އޮތް އިރު ވެސް އަލަވެސް އިން ވަނީ ބާސާގެ ގޯލަށް ހަމަލާ ތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރު ވެގެން ގޮސްފައެވެ.

ބާސެލޯނާ އާއި އަލަށް ގުޅުނު އޯޓޫރޯ ވިޑާލް އަދި އާރތާރ ވެސް ވަނީ މިމެޗްގައި ކުޅެފައެވެ.

ފުރަތަމަ ހާފުގައި ވެސް ބާސެލޯނާ އިން މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު ކޯޓީނިއޯގެ ފަރާތުން ވަނީ ތަފާތު ހުނަރުވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ.

މިމެޗްގައި މެސީ ފޮނުވާލި ހަމަލާއެއް ވަނީ އަލަވޭސްގެ ގޯލުގެ ދަނޑީގައި ޖެހިފައެވެ. އުސްމާން ޑެމްބެލޭ އަށް ވެސް ހުސް ފުރުސަތެއް ލިބިފައި ވާއިރު އޭނާ ޖެހި ޝޮޓު ދިޔައީ ސީދާ ކީޕަރާއި ދިމާލަށެވެ.

މެޗުގެ ދެވަނަ ހާފު ފެށުނު އިރު ބާސެލޯނާގެ ފުލް ބެކް ނެލްސަން ސެމޭޑޯގެ ބަދަލުގައި ފިލިޕޭ ކޯޓީނިއޯ ކުޅެން އަރާފައި ވާއިރު މެޗުގެ 64 ވަނަ މިނެޓުގައި މެސީގެ ލަނޑާއި ހަމަ އަށް ސްޓޭޑިއަމްގައި ތިބި 52000 ސަޕޯޓަރުންގެ ފަރާތުން މާބޮޑު ކަމެއް ފެނިގެން ގޮސްފައި ނުވެއެވެ.