ސާޖިއޯ އަގުއެރޯގެ ހެޓްރިކާއެކު ޕްރިމިއާ ލީގުގައި މިރޭ ހަޑަލްސްފީލްޑްގެ މައްޗަށް 1-6 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދައިފިއެވެ.

މިއީ ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީން ލީގުގައި ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ދެ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުން ސިޓީ މޮޅުވީ އާސެނަލްއާ ބައްދަލުކޮށް 0-2 އިންނެވެ. އަނެއްކޮޅުން ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ހަޑަލްސްފީލްޑް ވަނީ ބަލިވެފައެވެ. ލީގުގެ ފުރަތަމަ މެޗުން ހަޑަލްސްފީލްޑް ބަލިވީ ޗެލްސީއާ ބައްދަލުކޮށް 0-3 އިންނެވެ.

ސިޓީން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ 25 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 31 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓްފަހުން އަގުއެރޯ ވަނީ ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ހަޑަލްސްފީލްޑްގެ ސްޓަންކޮވިޗް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޑޭވިޑް ސިލްވާ ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސިލްވާ މި ގޯލު ކާމިޔާބުކުރީ ސިޓީ އަށް ލިބުނު ހިލޭޖެހުމަކުންނެވެ. މިރޭގެ މެޗަކީ ޕްރިމިއާ ލީގުގައި ސިލްވާ ކުޅުނު 250 ވަނަ މެޗުވެސް މެއެވެ.

މި ގޯލަށްފަހު ސިޓީން ހަޑަލްސްފީލްޑްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 75 ވަނަ މިނެޓްގައި އަގުއެރޯ ވަނީ ސިޓީގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އާޖެންޓީނާ އަށް އުފަން އަގުއެރޯ ޕްރިމިއާ ލީގުގައި ހެދި ނުވަ ވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެއެވެ. ސިޓީގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކުރިއިރު މި ގޯލަކީ ހަޑަލްސްފީލްޑްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ފަސޭހަ މޮޅެއް ސިޓީން ހޯދިއިރު ލީގުގައި އެޓީމުން ދެން ބައްދަލުކުރާނީ ވުލްވްސްއާއެވެ. ހަޑަލްސްފީލްޑް ނިކުންނާނީ ކާޑިފް ސިޓީއާ ދެކޮޅަށެވެ.