އިންޑޮނީޝިޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުގެ ބައިން ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާ އަށް ދަތުރުކުރީ ނޭޕާލްއާ ބައްދަލުކޮށް 3-2 ގޭމުން މޮޅުވެގެންނެވެ. ރާއްޖޭގެ ޓީމުގައި ހިމެނެނީ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަދި އައިމިނަތު ޝަހުރުނާޒް އަދި ނީލާ ނަޖީބެވެ.

މުބާރާތުގެ ކުއާޓާގައި ބެޑްމިންޓަމް ޓީމު ބައްދަލުކުރާނީ އޭޝިޔާ ސަރަހައްދުގައި ބެޑްމިންޓަންގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ޗައިނާއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މާދަމާއެވެ.

ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާ އަށް ދަތުރުކުރިއިރު ޓީމު އިވެންޓުގައި ވާދަކުރާ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ އިންޑިޔާއާ ބައްދަލުކޮށް ސީދާ ތިން ގޭމުން ބަލިވެ މުބާރާތުން ކަޓާފައެވެ.

ޓީމް އިވެންޓް ނިމުމުން ދެން އޮންނާނީ އޯޕަން އިވެންޓުގެ މެޗުތަކެވެ. އެގޮތުން ރާއްޖެ އިން ފިރިހެން އަދި އަންހެން ސިންގަލްސް، ފިރިހެން އަދި އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ބައިގައި ވާދަކުރާނެއެވެ.