އިންޑޮނޭޝިއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓްބޯލް އިވެންޓުގައި ވަރުގަދަ ގަތަރު ބަލިކޮށް، ބަނގުލަދޭޝްއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއަދު ކުޅުނު 'ގްރޫޕް ބީ' ގެ ފަހު މެޗުގައި ގަތަރު އަތުން ބަނގުލަދޭޝް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބަނގުލަދޭޝްއިން ޖެހި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ބަނގުލަދޭޝްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ބުޔާން ޖަމާލެވެ.

ގްރޫޕު ބީ އިން ބަނގުލަދޭޝްއާއެކު ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ އުޒްބަކިސްތާނެވެ. ގްރޫޕުގެ އެއްވަނައިގައި ނިންމާލި އުޒްބަކިސްތާނަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި ބަނގުލަދޭޝްއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތައިލެންޑަށް ދެ ޕޮއިންޓް ލިބުނު އިރު، ގަތަރަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގަތަރަކީ ފީފާ ރޭންކިންގައި ބަނގުލަދޭޝްއަށް ވުރެ ކުރީގައި އޮތް ގައުމެކެވެ. އޭޝިއާގެ 15 ވަނައިގައި ގަތަރު އޮތް އިރު، ބަނގުލަދޭޝް އޮތީ އޭޝިއާގެ 43 ވަނައިގައެވެ. ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާ އޭޝިއާގެ 14 ވަނައިގައި އޮތް އިރު، ރާއްޖެ އޮތީ އޭޝިއާގެ 30 ވަނައިގައެވެ.

މިއަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި އިންޑިއާ އަދި ރާއްޖެ ވެސް ބައިވެރިވެފައެއް ނުވެއެވެ.