އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އިންޓަ މިލާން ރޭ ބަލިވެއްޖެއެވެ.

މި ސީޒަނަށް ބޮޑު ހޭދައެއްކޮށްގެން ނިކުތް އިންޓަ ރޭ ބަލިވީ ސަސުއޯލޯއާ ބައްދަލުކޮށް 0-1 އިންނެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސަސުއޯލޯ އިން ކާމިޔާބުކުރީ މެޗުގެ 27 ވަނަ މިނެޓްގައެވެ. މި ގޯލު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ސަސުއޯލޯ އަށް ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާޑީއެވެ.

ރޭގެ މެޗުން އިންޓަ ބަލިވިއިރު މި މެޗުގައި މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެޓީމާއި އަލަށް ގުޅުނު ކުޅުންތެރިން ކަމަށްވާ ސްޓެފަން ޑި ވްރިޖް އާއި މަޓެއޯ ޕޮލިޓާނޯ އާއި އާޖެންޓީނާގެ ޒުވާން ފޯވާޑް ލައުޓާރޯ މާޓިނޭޒް އަދި ޔުވެންޓަސް އަށް މިދިޔަ ސީޒަނުގައި ކުޅުނު އަސަމާއޯ ކުޅެފައިވެއެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރޯމާ ދޫކޮށްލުމަށްފަހު އިންޓައާ ގުޅުނު ބެލްޖިއަމްގެ އިތުބާރު މިޑްފީލްޑަރު ނައިންގޮލާން ކުޅެފައެއް ނުވެއެވެ.

އިންޓަ ރޭ ބަލިވިއިރު އެޑިން ޒެކޯގެ ހަމައެކަނި ގޯލުން ރޯމާ އިން ވަނީ ޓޮރީނޯގެ މައްޗަށް 0-1 އިން ކުރި ހޯދާފައެވެ.