ޔޫރަޕްގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ކަމަށްވާ، ޔޫއެފާ އިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފިއެވެ.

މި އެވޯޑަށް މިފަހަރު ވާދަކުރާ ތިން ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު އަދި މިހާރު ޔުވެންޓަސް އަށް ބަދަލުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗްގެ އިތުރުން ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހުއެވެ.

މި އެވޯޑު ފާއިތުވި ދެ އަހަރު ވެސް ހޯދާފައިވަނީ ޕޯޗުގަލް އަށް އުފަން ރޮނާލްޑޯ ކަމަށްވާއިރު މިފަހަރު ވެސް މި އެވޯޑު ގެންދިޔުން ގާތީ އޭނާ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އެގޮތުން މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި ރޮނާލްޑޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް ރޮނާލްޑޯ އެވެ. އެގޮތުން ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުގައި 15 ގޯލު ކާމިޔާބުކޮށްފައެވެ.

މި އެވޯޑަށް ވާދަކުރާ މޮޑްރިޗް އަކީ ވެސް ޗެމްޕިއަންސް ލީގު ރެއާލް އަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއަކަށް ވާއިރު އޭނާ ވަނީ މިދިޔަ މަހު ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި ވެސް އެހީތެރިވެފައެވެ. އެގޮތުން ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މޮޑްރިޗްއެވެ.

މީގެއިތުރުން މި އެވޯޑަށް ދެން ވާދަކުރާ ސަލާހު އަށް މިދިޔަ ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެކެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ސަލާހު މިދިޔަ ސީޒަނުގައި ހޯދިއިރު ގިނަ އަހަރުތަކަކަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ސަލާހުކަން ފާހަގަކޮށްލެވެއެވެ.

ޔޫއެފާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން އިއުލާންކޮށްފައިވާއިރު، މި އެވޯޑު ލިބޭ ކުޅުންތެރިޔާ އިއުލާންކުރާނީ މި މަހުގެ 30 ވަނަ ދުވަހު ފްރާންސްގެ މޮނާކޯގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސޯލާ ހޯދި ޓްރޮފީއެއް ހޯދި ކާމިޔާބެއް ނެތް. އެކަމަކު ގަދަ ތިނެއް ގާ. މެސީ 2 ޓްރޮފީ ގޯލްޑަންބޫޓް ހޯދި. އެކަމަކު ގަދަ ތިނެއް ގާ ނުހިމެނުނު. މީ ކިހިނެއް މޮޅު ކުޅުންތެރިޔާ ހޮވާ ބައެއް ތަ.!!

  2. ޢަޒީ

    ދެން ހުރޭ އަސަރު ކޮއްކޮއް....

  3. ބަޓާ

    ތި ސަލާހު އަދި ޔޫރަޕް ގެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ވަރެއް ނުވޭ... ހަމަ ސީޒަނެއްގައި ދެތިން ލަނޑު ޖަހާއިރަށް ޔޫރަޕްގެ މޮޅުކުޅުން ތެރިޔާ އަށް ހޮވަން ވޭތަ. . ހަމަ އަޖައިބު ވެއްޖެ...............