ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސްގެ މައްޗަށް 0-2 އިން ލިވަޕޫލް އިން ކުރި ހޯދައިފިއެވެ.

މި ލީގުގައި މި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ލިވަޕޫލް ވަނީ ފުރަތަމަ މެޗުގައި ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް 0-4 އިން ކުރި ހޯދާފައެވެ. އަދި ޕެލެސް ވަނީ ފުރަތަމަ މެޗުގައި ފުލަމްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ.

ޕެލެސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ދެ ޓީމުން ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޕެލެސްގެ ޓައުންސެންޑް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ލިވަޕޫލްގެ ސަލާހު ޕެލެސްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން ޖޭމްސް މިލްނާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ލިވަޕޫލް އަށް މި ޕެނަލްޓީ ލިބުނީ ޕެލެސްގެ ޕެނަލްޓީއޭރިއާ ތެރެއިން ސަލާހު އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރަން ޕެލެސް އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު އެޓީމުން ނުރައްކާތެރި ގޮތަކަށް ފޮނުވާލި ހިލޭޖެހުމެއް ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ. ނަތީޖާ އެއްވަރުކުރަން ޕެލެސް އިން މަސައްކަތް ކުރަމުންދަނިކޮށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 75 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު އާރޮން ވެން ބިސާކާ އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ސަލާހު އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި ޕެލެސް އިން ފުރިހަމަ ކުރަން ޖެހުނުއިރު، ލިވަޕޫލްގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. މާނޭ މި ގޯލު ކާމިޔާބުކުރީ ޕެލެސްގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހުއެވެ.

ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ލިވަޕޫލް މޮޅުވެފައިވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ބްރައިޓަންއާ ދެކޮޅަށެވެ.