ހޮފެންހެއިމްގެ މައްޗަށް 3-1 އިން ކުރި ހޯދާ ޖަރުމަނު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 23 ވަނަ މިނެޓްގައި ތޯމަސް މުލާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ބަޔާން އިން ވަނީ ތަނަވަސްކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބަޔާން އިން ނިންމާލިއިރު މެޗުގެ 57 ވަނަ މިނެޓްގައި ހޮފެންހެއިމް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑަމް ޒަލާއިއެވެ. ނަމަވެސް މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ބަޔާން އިން ވަނީ މެޗުގެ ލީޑު އަނެއްކާވެސް ނަގާފައެވެ. މި ޕެނަލްޓީ ބަޔާން އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއެވެ.

އަދި ބަޔާން އަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އާރެޔަން ރޮބެންއެވެ.

ލީގުގެ ފުރަތަމަ މެޗުން ބަޔާން މޮޅުވިއިރު ރޭ އެޓީމަށް ކުރިމަތިވި ހަމައެކަނި ނުތަނަވަސްކަމަކީ ފުރަތަމަ ހާފްގައި ކިންގްސްލީ ކޯމަން އަށް އަނިޔާވުމެވެ. އެ އަނިޔާގެ ސަބަބުން ކޯމަންގެ ބަދަލުގައި ކުޅެން އަރާފައިވަނީ ރޮބެންއެވެ.

ފާއިތުވި ހަ އަހަރުވެސް ޖަރުމަނު ލީގު ހޯދި ބަޔާން އިން ލީގުގައި ދެން ބައްދަލުކުރާނީ ސްޓުޓްގާޓްއާ ދެކޮޅަށެވެ.