ލާޒިޔޯގެ މައްޗަށް 2-0 އިން ކުރި ހޯދާ އިޓާލިއަން ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ޔުވެންޓަސް މޮޅުވެއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވިފަހުން އެ ކްލަބުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިރާލެމް ޕިޔާނިޗްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ރޮނާލްޑޯގެ ފަރާތުން ގޯލެއް މި މެޗުގައި ފެނިގެން ގޮސްފައި ނުވާއިރު ދެވަނަ ހާފްގައި ލާޒިޔޯގެ ގޯލަށް އޭނާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ރޮނާލްޑޯ ފޮނުޥާލި އެ ހަމަލާ ލާޒިޔޯގެ ކީޕަރު ތޯމަސް ސްޓްރަކޮޝާ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފައެވެ.

މި ފުރުސަތުގެ ބޭނުން ރޮނާލްޑޯ އަށް ނުހިފުނު ނަމަވެސް މެޗުގެ 75 ވަނަ މިނެޓްގައި މާރިއޯ މަންޒުކިޗް ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ޔުވެންޓަސް މޮޅުވެފައިވާއިރު، ލާޒިޔޯ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.

މީގެއިތުރުން އިޓާލިއަން ލީގުގައި ރޭ ނަޕޯލީން ވަނީ ފަހަތުން އަރާ އޭސީ މިލާންގެ މައްޗަށް 3-2 އިން ކުރި ހޯދާފައެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގައި މިލާނުން ދެ ގޯލުގެ ލީޑެއް ނެގިއިރު، އެ ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބޮނަވެންޓޫރާ އާއި ކަލަބްރިޔާއެވެ. ނަމަވެސް ޒިއެލިންސްކީގެ ދެ ގޯލާއި މާޓެންސްގެ ގޯލުން ނަޕޯލީން ވަނީ މިލާންގެ މައްޗަށް ކުރި ހޯދާފައެވެ.