ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މާދަމާ ޕާކިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ނިންމައިފިއެވެ.

އަންނަ މަހު ހަތަރުވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި ފަރިތަކުރަމުންދާ ގައުމީ ޓީމުން ޕާކިސްތާނާ ދެކޮޅަށް ނުކުންނާނީ މާދަމާ ރޭގައެވެ.

އެގައުމުގެ އަލް އަރަބިއާ ސްޕޯޓްސް ކްލަބުގެ ދަނޑުގައި ކުޅުމަށް ހަމެޖެހިފައިވާ މެޗަކީ ސާފަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ކުޅޭނެ ދެވަނަ މެޗެވެ. ގަތަރުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އެގައުމުގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް މަރްޚިޔާ ސްޕޯޓްސް ކްލަބް ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ރާއްޖޭގެ ގޯލްތައް ޖަހައިދިނީ ނާއިޒް ހަސަން (ދާދު)ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަދި މުހައްމަދު އާރިފް (ބަކާ)އެވެ. އެ މެޗުގެ ފުރަތަމަ 11އަށް ކޯޗު، ޕީޓާ ސެގަޓް ނެރުނު ތިން ފޯވަޑުންވެސް ގޯލް ޖަހާފައިވާ އިރު، މެޗާ ގުޅިގެން ވާހަކަ ދައްކަމުން އޭނާ ވަނީ ރާއްޖޭގެ ޓީމުން ކުރި އެޓޭކަށް ތައުރީފް ކޮށްފައެވެ.

މެޗުގައި ޑިފެންސްގެ ފަރާތުން ބައެއް މައްސަލަތަށް ފާހަގަވެފައިވާ ކަމަށްވެސް ކޯޗު ސެގަޓް ބުނެފައިވާ އިރު، ސެގަޓް ބުނީ ކުރިއަށް އޮތް މެޗުތަކުގައި އެ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ބޮޑަށް ވިސްނާނެ ކަމަށެވެ.

އަލް މަރްޚިޔާއާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު މެޗުގައި ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)އާއި މާޒިޔާގެ ޑިފެންޑަރު މުޖުތާޒު މުހައްމަދު (މުޖޭ)ވެސް ކުޅެފައި ނުވާ އިރު، ކޯޗު ބުނެފައި ވަނީ އެ ދެކުޅުންތެރިންވެސް ފިޓްވަމުންދާ ކަމަށެވެ. އެގޮތުން މާދަމާގެ މެޗުގައި އެ ކުޅުންތެރިންގެ ކުޅުން ފެނިދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދަނީ މޮންޓަނެގްރޯގެ ތަޖުރިބާކާރު ފިޓްނަސް ކޯޗެއް ކަމަށްވާ ކްރުނިޗް ލަޑިމީރްގެވެސް އިރުޝާދާ އެކުގައެވެ. އޭގެ އިތުރުންވެސް ސެގަޓްގެ އެސިސްޓެންޓެއްގެ ގޮތުގައި ބެލްޖިއަމްގެ ގެލާ ޝެކިލާޒޭވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ. ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާ އެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

ޕާކިސްތާނާއި ރާއްޖެ މާދަމާ ކުޅޭ އެކުވެރިކަމުގެ މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 10:00ގައެވެ.