ގައުމީ ސީނިއާ ބާސްކެޓް ފިރިހެން ޓީމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ސީނިއާ ފިރިހެން ގައުމީ ބާސްކެޓްބޯޅަ ސްކޮޑްގައި ބައިވެރުވުމަށް ބޭނުންވާ ކުޅުންތެރިން އެކުޅުންތެރިއްގެ ފުރިހަމަ ނަމާއި އުފަން ތާރީހް އަދި އައިޑީކާޑް ނަންބަރު އެނގޭނޭ ގޮތަށް އެސޯސިއޭޝަނަށް މެއިލް ކޮށްދެއްވުމަށެވެ.

އެމެރިކާގެ ޖޯން ކޮފިނޯގެ އިރުޝާދުގެ ދަށުން ގައުމީ ބާސްކެޓް ޓީމުން މުބާރާތްތަކަށް ތައްޔާރުވަމުންދާ އިރު، އާ ކޯޗާއެކު ރާއްޖޭގެ ބާސްކެޓަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ހާއްސަކޮށް އޭނާގެ ތަޖުރިބާއާއެކު ރާއްޖޭގެ ގައުމީ ޓީމުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ފީބާ އޭޝިއާ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ކޮލިފައިން މުބާރާތެއް ކަމަށްވާ ސާބާ ކަޕްގައި މިދިޔަ ޖޫން މަހު ރާއްޖެއިން މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ކޯޗު ބުނެފައި ވަނީ އެ މުބާރާތުގެ ކުޅުމަށް ހިތްހަމަ ޖެހޭ ކަމަށެވެ. ބަންގްލަދޭޝްގައި ކުރިއަށް ދިޔަ އެ މުބާރާތުގައި ރާއްޖެއިން ނޭޕާލާއި ބޫޓާންވެސް ބަލިކޮށްފައިވާ އިރު، ކޯޗު ކޮފިނޯ ބުނެފައި ވަނީ އެ މުބާރާތަކީ ފެށުމެއް ކަމަށެވެ.

ކޮފިނޯ ބުނެފައި ވަނީ ރާއްޖޭގެ ބާސްކެޓްގެ މުސްތަގުބަލުގެ ޕްލޭނެއް އޭނާ ހަދަމުންދާ ކަމަށާއި، ބާސްކެޓް އެހެން ހަރުފަތަކަށް ދިއުމުގެ ދަތުރު ފަށާފައިވާ ކަމަށެވެ. ރާއްޖޭގައި ބާސްކެޓްގެ ގިނަ މުބާރާތްތަކެއް މިހާރު ބޭއްވެމުންދާ އިރު، ޒުވާން ކުޅުންތެރިން އުފެއްދުމަށް ވައިޑީޕީގެ ޕްރޮގްރާމްތައްވެސް އެކިއެކި ލެވެލްގައި، ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ ހިންގަމުންނެވެ.