އިނގިރޭސި ޕްރިމިއާލީގުގެ އެވަޓަންއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރު މައިކަލް ކީންގެ ބޮލުގެ ނާށިގަނޑަށް ގެއްލުންވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ބޯމްމައުތާ ދެކޮޅަށް އެވަޓަންއިން ރޭ ކުޅުނު މެޗުގައި އަމިއްލަ ޓީމުގެ ކުޅުންތެރިޔާ އިދްރީސީ ގުއެއާގެ ގައިގައި ޖެހުމުގެ ތެރެއިން ކީންގެ ބޮލަށް ވަނީ ގެއްލުންވެފައެވެ. ދަނޑުމަތީގައި އޭނާއަށް ހަ މިނެޓް ފަރުވާ ދިނުމަށްފަހު ދަނޑުން ބޭލި ގޮތަށް އެމަޖެންސީގައި ގެންގޮސްފައި ވަނީ ހޮސްޕިޓަލަށެވެ.

ކީންގެ އަނިޔާއާ ގުޅިގެން އެވަޓަންއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކީންގެ ބޮލުގެ ނާށިގަނޑުގައި ރެނދެއް އެޅިފައިވީނަމަވެސް އިތުރު ނުރައްކާތެރި އަނިޔާއެއް ނުވާ ކަމަށެވެ. އުމުރުން 25 އަހަރުގެ ކީންގެ ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ތިނެއް ނޫނީ ހަތަރު ހަފްތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް އެވަޓަންގެ ބަޔާނުގައި ވެއެވެ.

އަނިޔާއާ ގުޅިގެން ކީން ބުނެފައި ވަނީ ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާއިން ސަލާމަތްވެ ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމަށެވެ. އަދި ހުރިހާ ސަޕޯޓަރުންގެ ފަރާތުން ލިބުމުންދާ ހިތްވަރަށްވެސް ކީންގެ މެސެޖުގައި ޝުކުރު އަދާކޮށްފައިވެއެވެ.

ރޭގެ މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، ފުރަތަމަ ދެ ގޯލްވެސް ޖެހޭ އެވަޓަންއިންނެވެ. އެވަޓަންއަށް ގޯލް ޖަހައިދިން ކުޅުންތެރިންގެ ތެރޭގައިވެސް ކީން ހިމެނެއެވެ. ރޭގެ މެޗު ފަހަތުން އަރައި ބޯންމައުތުން އެއްވަރުކޮށްފައިވާ އިރު، ދެ ރަތް ކާޑުވެސް މެޗުގައި ފެނިގެންދިޔައެވެ. އެވަޓަންގެ ރިޗާލްސަންގެ އިތުރުން ބޯންމައުތުގެ އެޑަމް ސްމިތަށްވެސް ވަނީ މެޗުގައި ރަތް ކާޑު ދައްކައިފައެވެ.