ޕާކިސްތާނުގެ ޓީމު ގަތަރަށް ނުދިއުމުން ރާއްޖެއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް އެކުވެރިކަމުގެ މެޗު ކެންސަލް ކޮށްފިއެވެ.

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއާއި ޕާކިސްތާން، ގަތަރުގައި ކުޅެން ހަމަޖެހިފައި އޮތް މެޗަކީ ގަތަރުގެ އަލް އަރަބިއާ ސްޕޯޓްސް ކްލަބުގެ ދަނޑުގައި ކުޅުމަށް ހަމެޖެހިފައިވާ މެޗެކެވެ. އެ މެޗު ކުޅުމަށް އޮތީ މިރޭ ރާއްޖެ ގަޑިން 10:00ގައެވެ.

ސާފަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން މީގެ ކުރިންވެސް އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ އިރު، މިރޭ ކުޅެން އޮތް މެޗަކީ ދެވަނަ މެޗެވެ. އަދި މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާ އިރު، އިތުރު މެޗެއް ކުޅުމަށް ވަނީ ވަގުތު ކުޑަތަން ވެފައެވެ. ކުރީގެ މެޗަށްފަހު ކޯޗު ވަނީ ރާއްޖޭގެ ޓީމަށް އިތުރު ފަރިތަކުރުންތަކާއި، ތަޖުރިބާ ބޭނުންވާ ކަމަށްވެސް ފާހަގަކޮށްފައެވެ.

ގަތަރުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އެގައުމުގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް މަރްޚިޔާ ސްޕޯޓްސް ކްލަބް ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ރާއްޖޭގެ ގޯލްތައް ޖަހައިދިނީ ނާއިޒް ހަސަން (ދާދު)ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަދި މުހައްމަދު އާރިފް (ބަކާ)އެވެ. އެ މެޗުގެ ފުރަތަމަ 11އަށް ކޯޗު، ޕީޓާ ސެގަޓް ނެރުނު ތިން ފޯވަޑުންވެސް ގޯލް ޖަހާފައިވާ އިރު، މެޗާ ގުޅިގެން ވާހަކަ ދައްކަމުން އޭނާ ވަނީ ރާއްޖޭގެ ޓީމުން ކުރި އެޓޭކަށް ތައުރީފް ކޮށްފައެވެ.

މެޗުގައި ޑިފެންސްގެ ފަރާތުން ބައެއް މައްސަލަތަށް ފާހަގަވެފައިވާ ކަމަށްވެސް ކޯޗު ސެގަޓް ބުނެފައިވާ އިރު، ސެގަޓް ބުނީ ކުރިއަށް އޮތް މެޗުތަކުގައި އެ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ބޮޑަށް ވިސްނާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޕާކިސްތާން ޓީމަށް ގަތަރަށް ނުދެވުނީ ދަތުރު ކުރުމަށް ދިމާވި ދަތިތަކެއްގެ ސަބަބުންނެވެ. ޕާކިސްތާނުން ސާފަށް ތައްޔާރުވަމުންދާ އިރު، އެގައުމުގެ ޒުވާން ޓީމުން ދަނީ އޭޝިއަން ގޭމްސްގައިވެސް ވާދަކުރަމުންނެވެ. އެގޮތުން 44 އަހަރަށްފަހު އެގައުމުން ވަނީ އޭޝިއަން ގޭމްސްގެ ފުޓުބޯޅަ މެޗަކުން މޮޅުވެފައެވެ. ޕާކިސްތާނުން އެ މޮޅު ހޯދީ ގްރޫޕް ސްޓޭޖުގައި ނޭޕާލް ބަލިކޮށްގެންނެވެ.

ރާއްޖޭގެ ޓީމުން ގަތަރުގައި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރަމުންދާ އިރު، ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝްއަށް ދާނީ ގަތަރުންނެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ.

ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮހޮއްކޮ

    ސިޔާސީ ބޭނުމަކަށް ވަކިބަޔަކު ޓީމުން ބާކީ ކުރީ

  2. ހޮއްކޮ

    ކޮންމެ ކަމަކަށް ސިޔާސީ، ކޯޗަށް އެނގޭނި ޓީމަށް ނަގަންވާ މީހުން. ވ ސަލާމް