ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ، ފައިގެ އޮޕަރޭޝަނެއް ކޮށްފިކަން އެ ކްލަބުން ކަށަވަރު ކޮށްދީފިއެވެ.

މިދިޔަ ހަފްތާގައި ޕީއެސްޖީ އާއި މާސޭ ބައްދަލު ކުރި މެޗުގެ ތެރެއިން ނޭމާގެ ކަނާތު ފަޔަށް އަނިޔާވެ، ދަނޑުން ބޭލި މަންޒަރު ފެނިފައި ވާއިރު، އޭގެ ފަހުން އެ ކްލަބުގެ ރައީސް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ ނޭމާ އޮޕަރޭޝަނެއް ކުރަން ނުޖެހޭނޭ ކަމަށާއި ވަރަށް އަވަހަށް އޭނާ ދަނޑުމަތިން ފެނިގެން ދާނެ ކަމަށެވެ.

އެހެންނަމަވެސް، އީއެސްޕީއެން އާއި ވާހަކަ ދައްކަމުން ނޭމާގެ ބައްޕަ ވަނީ އެވާހަކަ ދޮގު ކޮށް ނޭމާ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ބްރެޒިލްގެ ޤައުމީ ޓީމުގެ ޑޮކްޓަރު، ރޮޑްރިގޯ ލަސްމާ މެދުވެރިކޮށް އެ ޤައުމުގައި ނޭމާގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކޮށްފައިވާއިރު ބްރެޒިލްގެ ސަޕޯޓަރުން އަންނަނީ ނޭމާގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރަޝިޔާ ގައި މި އަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގައި ނޭމާ އަށް ނުކުޅެވޭ ނަމަ އެއީ ބްރެޒިލް އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެއެވެ. ލަސްމާ ވިދާޅުވެފައި ވަނީ ވީހާވެސް އަވަހަށް ނޭމާ އަށް ފަރުވާ ދީ، ވޯލްޑް ކަޕަށް އޭނާ ފިޓް ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.